ކުޅިވަރު

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާއަށް ވާދަކުރަނީ ކޯނޭ، އަލާ އަދި ރަސެލް


މޯލްޑިވްސް ފުޓްބޯޅް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ނަން އިއުލާން ކޮށްފިއެވެ.

މިމަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިރޭޝަންގެ ފޯވާޑް ކޯނެލިއުސް ސްޓެވާޓާއި، ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑާރ އަކާ ނާސިރާއި، ކްލަބް ގްރީން ސްޓްރީޓްސްގެ ރޮލާންޑް ރަސެލް ބިލާލާއެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން މާޒިޔާގެ ފޯވާޑް ކޯނެލިއަން ސްޓެވާޓް ވަނީ މާޒިޔާއިން މިފަހަރުގެ ސީޒަނަގައި ދެވަނާގައި އޮވެ ލީގު ނިންމާލަން ކުރި މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އޭނާވަނީ މާޒިޔާއަށް މިފަހަރުގެ ސީޒަނުގައި 22 ގޯލު ކާމިޔާބުކޮށްދީފައެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ ޔުކްރެއިން ފޯވާޑް ރޮލާންޑް ރަސެލް ވަނީ މިސީޒަނުގައި ގްރީން ސްޓްރީޓްސްއަށް 27 ގޯލް ކާމިޔާބުކޮށްދީފައެވެ.

މިއެވޯޑަށް ދެން ވާދަކުރާ، ޗެމްޕިއަން ޓީސީގެ ޑިފެންޑާރ އަލާ ނާސިރަކީ، ޓީސީން ފުރަތަމަ ފަހަރަށް ލީގު އުފުލާލިއިރު އެޓީމުގެ ޑިފެންސް ލައިނުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑް ލިބޭ ކުޅުންތެރިއެއް ހޮވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ކެޕްޓަނުންނާއި ހެޑް ކޯޗުންގެ އިތުރުން ހޮވާލެވޭ ކުޅިވަރު ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މިފަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް މިމަހުގެ 29ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އިރު މިފަހަރުގެ އެވޯޑްސްގައި ޖުމްލަ އެގާރަ މަގާމު ހޮވާނެއެވެ. އެއީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ ގިނަ ލަނޑު ޖަގާ ކުޅުންތެރިއަކަށްދޭ ރަން ބޫޓާއި، އެންމެ މޮޅު ގޯލްކީޕަރާއި، ފޭން އެވޯޑާއި، އެންމެ ރީތި ގޯލު ޖަހާ ކުޅުންތެރިއާއަށް ދޭ ޖޫލޭ އެވޯޑާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، އަހަރުގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ އުންމީދީ އަންހެން ކުޅުންތެރިޔާގެ އިތުރުން އެފްއޭއެމް އޮނަރަރީ އެވޯޑެވެ.