ޚަބަރު

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އެމްސީ ހަމީދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމީދު އައްޔަން ކުރައްވައިފިއެވެ.

ޙަމީދު އެ މަޤާމަށް އައްޔަން ކުރައްވައިފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ މަޤާމަށް ޕްރޮމޯޓްކުރުމަށްފަހުއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު މުޙައްމަދު ޙަމީދު، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ސުޕްރީމްކޯޓުން ހުކުމްކުރުމުން އަލުން ވަޒީފާ ދެއްވުމަށްފަހުއެވެ.

ފުލުހުންގެ ޗީފް ސުޕްރިޑެންޓްގެ ގޮތުގައި އިންޓެލިޖެންސްގެ ވެރިޔާގެ މަޤާމުގައި ހުންނަވަނިކޮށް ހަމީދު ފުލުހުންގެ މަޤާމުން 2012 ވަނަ އަހަރު ވަކިކޮށްފައިވަނީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ތުހުމަތުގައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ފަހު ކުރި ހުކުމްގައި ބުނެފައިވަނީ ވަނީ ޙަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އުސޫލުތަކާ ޚިލާފަށް ކަމަށާއި ކުރިން އޭނާ ވަކިކުރިއިރު ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.

ފުލުހުންގެ އިދާރާ ހިންގެވުން ޙަމީދާ ހަވާލުކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަޤާމުން ވަކިކުރެއްވުމަށްފަހުއެވެ. ހަމްދޫން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ނާކާމިޔާބުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އޭރު އެކްޓިން ކޮމިޝަނަރގެ މަޤާމުގައި ހުންނެވި ކޮމިޝަނަރ ހުންނެވި ޢަބްދުﷲ ނަވާޒު، އެ މަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ. ރައީސް ޔާމީން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހަމްދޫން އައްޔަންކުރެއްވީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައެވެ.