ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސ. ހިތަދޫ ފިތުރޯނުގެ، އަލްއުސްތާޛު މަސްތޫރު ޙުސްނީ އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މަސްތޫރު ޙުސްނީ އެމަޤާމަށް އައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަސްތޫރު ޙުސްނީ ވަނީ އެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.
މަސްތޫރު ޙުސްނީއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު މަސްތޫރު ޙުސްނީއާ ޙަވާލުކުރައްވާފައެވެ.
މީގެ ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވީ އަހުމަދު ސަލީމްއެވެ. ސަލީމު އެ މަޤާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަޤާމުން ސަލީމް ވަނީ ވަކިކުރެއްވާފައެވެ.