ޚަބަރު

މާޅޮހު މަޖުދީ އަވަހާރަވެއްޖެ


ރައްޔިތުން ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މުހައްމަދު މަޖުދީ އިބްރާހީމް ( މާޅޮހު މަޖުދީ ) އަވަހާރަވެއްޖެއެވެ. މަޖުދީ އަވަހާރަވީ ނޭވާލުމަށް ދަތިވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މަޖުދީ އަވަހަރާވިއިރު އުމުރުފުޅަކީ 56 އަހަރުއެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ މަސައްކަތްކުރެއްވި މަޖުދީ އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ޅެންބަހުން ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުންނެވެ.

މަޖުދީ އަކީ ޖުމްހޫރީ ޕާޓީގެ އިސްލާމީ ވަހުދަތު ކޮމެޓީގެ ރައީސްއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް މަޤާމުތައްވެސް ފުރުއްވާފައިވާ މަޖުދީ ވަނީ މާޅޮހު ސްކޫލްގެ ހެޑްމާސްޓަރުކަންވެސް ކުރައްވާފައެވެ.

މަޖުދީގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.