ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޢައްޔަނުކުރައްވައިފިއެވެ.
އެ މަޤާމަށް މޭޖަރ ޖެނެރަލް ޝަމާލު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ މިއަދު އިރުއޮއްސުނުއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމަށް ޝަމާލް ޢައްޔަންކުރައްވާފައިވާއިރު، އޭނާ ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 30 ގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް ޝަމާލްގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިނާފްކުރުމުން ހައިކޯޓުން މިއަދު ވަނީ އޭނާއަށް އަލުން ސިފައިންގެ ވަޒީފާ ދިނުމަށް އަމުރުކޮށްފައެވެ. ހައިކޯޓުގެ އަމުރުގައި ޝަމާލުގެ ޚިދުމަތް މެދުކެންޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، އެ މުއްދަތުގެ މުސާރައާއި ޢިނާއަތްތައް ދިނުމަށްވެސް ޢަމުރުކޮށްފައިވެއެވެ.
އޭނާ ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމަށް އައްޔަންކޮށްފައިވަނީ ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމުން މޭޖަރ ޖެނެރަލްގެ މަޤާމަށް ޕްރޮމޯޓްކުރުމަށްފަހުއެވެ.
2012 ވަނަ އަހަރުން ފެށިގެން ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމުގައި ހުންނެވީ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރެއްވުމާއެކު ޝިޔާމް ވަނީ އެ މަޤާމުން ވަކިވެފައެވެ.
މީގެ އިތުރުން، ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްވެސް މިއަދު ވަނީ ޢައްޔަންކުރައްވާފައެވެ.
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.