ޚަބަރު

ޓްވިޓަރއިން ހޮވާލެވުނު 8 މީހަކާއެކު ގެމަނަފުށީ މަސްވެރިން މަހަށް!


ގެމަނަފުށީ މަސްވެރިންގެ ޓްވިޓަރ އެކައުންޓް ފޮލޯކުރާ މީހުންގެ ތެރެއިން ހޮވާލެވުނު ފަރާތްތަކަށް އެރަށު މަސްވެރިންނާއެކު މަހަށްދިއުމުގެ ފުރުޞަތު ދީފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ގެމަނަފުށީ މަސްވެރިންގެ ޓްވިޓަރ އެކައުންޓް ފޮލޯ ކުރާ ފަރާތްތަކުގެ ތެރެއިން 8 ފަރާތަކަށް ގެމަނަފުއްޓަށްގޮސް މަހަށް ދިއުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއާއި، ދިރާގާއި، ފިޝަރީޒް މިނިސްޓްރީ ގުޅިގެން ބޭއްވި މި ހަރަކާތުގައި ދޮށީގެ މަސްވެރިކަމަށް މުޅިން އާ 10 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ގެމަނަފުށީ މަސްވެރިންނާއެކު މި ބައިވެރިން ދޮށީގެ މަސްވެރިކަން ތަޖުރިބާ ކުރީ އެރަށުގައި ދުއްވާ އެންމެ ބޮޑު އެއްދޯނި ކަމަށްވާ ގެލެރީ ވިޝަން ދޯނީގައެވެ. ފަތިހު އެން ހިފައިގެން ކަނޑަށް ގޮސް މަސްބޭނީ ގެމަނަފުއްޓާ 60 މޭލު ބޭރުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިކަން ދަށް ދުވަހެއްގެ ގޮތުގައި ފަޅުވެރިން ސިފަކުރިނަމަވެސް މި ދޯނިން ގާތްގަނޑަކަށް 5 ޓަނު މަސް ބޭނިއެއެވެ. މަސްއައިން ފެށުމުން ފަޅުވެރިންގެ ހަރަކާތްތަކާއި، މަސް ބާންނަން ގެންގުޅޭ އުކުޅުތައް ވީ، އަލަށް މަހަށް ނިކުތް ޒުވާނުންނަށް ތަފާތު ތަޖުރިބާއަކަށެވެ.

ދިރާގުގެ މެނޭޖަރ ޕޮރޮޑަކްޓް ޑިވަޕޮލްމަންޓް އެންޑް އިނޮވޭޝަން މުޙައްމަދު ފާހިރު ވިދާޅުވީ، ދިރާގުން މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިން ކުރާ ބުރަ މަަސައްކަތް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ. އަދި އަމަަލީގޮތުން މި ދަތުރުގައި ބައިވެރިވުމުގެ ސަބަބުން މަސްވެރިންގެ ހިއްވަރާއި، މަސްވެރިކަމުގެ ޖޯޝާއި ފޯރި އެނގިގެން ހިނގައްޖެކަމަށް އޭނާ ވިދާޅުވިއެވެ.

ގެމެނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއިން އަންނަނީ މަސްވެރިކަން ކުރިއެރުމަށް ތަފާތު މަަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޒުވާނުން މަސްވެރިކަމަށް ނެރުމަށް ތަފާތު ޕްރޮގްރާމްތައް އެ ޖަމްޢިއްޔާއިން ދަނީ ހިންގަމުންނެވެ. އަދި ގެމަނަފުށީ މަސްވެރިން، ސޯޝަލް މީޑިއާގައި ހިއްސާ ކުރާ މަސްވެރިކަމުގެ ފޮޓޯއާއި ވީޑިއޯތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.