ޚަބަރު

އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއް، ގާތްގުޅުމެއް އަބަދުވެސް ބާއްވާނަން - ފޮރިން މިނިސްޓަރ


އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ބައިވެރިއެއްކަމަށާއި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދު ބާއްވާ ކޮންސިއުލަރ ޓޯކްސްގެ ދެވަނަ ބުރު ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ މުހިއްމު ސިޔާސަތެއްކަމަށެވެ. އަދި އިންޑިއާއާއެކު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާއި، ޚިޔާލުތަފާތުވުންތައް ނައްތާލުމަށްޓަކާ މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށްގެންދިއުމަށް އަބަދުވެސް ސަރުކާރުން އިސްކަންދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިމަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅަށް އިޝާރާތްކުރައްވާ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ މިދަތުރުފުޅުގައި އެންމެ ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާނީ އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އެއްބަސްވުމެއް އެކުލަވާލުމަށް ކަމަށެވެ. އަދި އެކަން ހަޤީޤަތަކަށްވެގެން ދިއުމަކީ ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޮންސިއުލަރ ޓޯކްސްގެ ދެވަނަ ބުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެކެމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވާ ދަތިތައްވެސް ދެނެގަނެ، އެކަންކަމަށް ހައްލު ގެނެއުމަށްޓަކާ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ފެށި ރާއްޖެއާއި އިންޑިއާއި ދެމެދު ބާއްވާ ކޮންސިއުލަރ ޓޯކްސްގެ ދެވަނަ ބުރުގައި އިންޑިއާގެ ވަފްދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަމިތް ނާރަންގްއެވެ. މި މަޝްވަރާތަކުގެ އެންމެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާގައެވެ.