ޚަބަރު

ބްރެކްސިޓް އެއްބަސްވުމަށް ވޯޓަށް އެހުން އަންގާރަ ދުވަހު


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން އެކުލަވާލާފައިވާ އެއްބަސްވުމަށް، އިނިގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި މިމަހުގެ އެގާރަ ވަނަ ދުވަހު ނަގާ ވޯޓަށް ވަގުތު ކުޑަތަންވެފައިވާއިރު، އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭއާ ވާހަކަދައްކަވާފައިވާ ކަމަށް ވިލާތުގެ އިއްތިހާދުގެ ރައީސް ޑޮނަލްޑް ޓަސްކް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި މިހާރު ދަނީ، ނޮވެމްބަރު މަހު އެކުލަވާލި އެއްބަސްވުމާ ބެހޭ ގޮތުން ބަހުސްކުރަމުންނެވެ. މި ބަހުސްގައި ވާހަކަދައްކަވާފައި ގިނަ މެމްބަރުން ވަނީ، މޭގެ ސަރުކާރުން ވިލާތާއެކު ޤާއިމުކޮށްފައިވާ އެއްބަސްވުމަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކުރައްވާފައެވެ.

މި ހަފްތާގެ އަންގާރަ ދުވަހު ނަގާ މި ވޯޓާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި ޓަކްސް ވިދާޅުވީ، މި ވޯޓާ ބެހޭގޮތުން މޭއާއެކު ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވިކަމަށެވެ. އަދި މި ހަފުތާއަކީ އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުން ވަކިވުމަށް ކުރަމުންދާ މަސައްކަތްތަކަށް މުހިއްމު ހަފުތާއެއް ކަމަށްވެސް ޓަސްކް ވިދާޅުވިއެވެ.

އިނގިރޭސިވިލާތް ފިޔަވާ ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކުން ހުސްވި ނޮވެމްބަރު މަހު ވަނީ މި އެއްބަސްވުމަށް ރުހުންދީފައެވެ. އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގައެވެ.