ދައުލަތަށް ލިބެންޖެހޭ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.
އެސީސީން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ބެލި މައްސަލަތަކުން ދައުލަތަށް އަނބުރާ ދެބިލިއަން ސައުވީސް މިލިއަނަށް ހަ ސަތޭކަ ތިރީސް އަށްހާސް އަށްސަތޭކަ ނުވަދިހަ ތިންރުފިޔާ ހަތްދިހަ ހަތަރުލާރި ލިބެންޖެހޭކަމަށެވެ. އަދި މިއީ މި އަހަރުގެ ފުރަތަމަ ނުވަސްމަސްދުވަހު އެ ކޮމިޝަނުން ބެލި 27 މައްސަލައެއްގައި ހިމެނޭ ފައިސާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.
އެސީސީން ބުނީ ދައުލަތައް ލިބެންޖެހޭ ފައިސާގެ ތެރެއިން އަނބުރާ ހޯދުމަށް އޮފީސްތަކަށް އެންގި ފައިސާގެ ތެރެއިން 1.8 ބިލިއަން ރުފިޔާއަކީ ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާކަމަށެވެ. އޭގެތެރޭގައި މި އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ދައުވާކުރުމަށް ފޮނުވި ހަތަރު މައްސަލަ ހިމެނޭކަމަށްވެސް އެސީސީން ބުނެއެވެ. އަދި ދައުލަތަށް ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ދައުލަތަށް މިހާތަނަށް ލިބިފައިވަނީ ފަންސާސް ހަތަރު ހާސް ލިބިފައިވާކަމަށްވެސް އެސީސީން ބުނެއެވެ.