ޚަބަރު

މިއަދަކީ ރާއްޖޭގެ 38 ވަނަ މަސްވެރިންގެ ދުވަސް


މިއަދަކީ ރާއްޖޭގެ 38 ވަނަ މަސްވެރިންގެ ދުވަހެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަކުރަނީ ގއ. ގެމަނަފުށީގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީއާއި ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއާއި ގެމަނަފުށީ ކައުންސިލް ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ގެމަނަފުށީގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވި ހަރަކާތަކީ، ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ފިޝަރީޒް މިނިސްޓްރީއާއި ދިރާގާ ގުޅިގެން ގެމަނަފުށީ މަސްވެރިންގެ ޓްވިޓަރ އެކައުންޓް ފޮލޯ ކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު ފަރާތްތައް ގޮވައިގެން މަހަށް ދިއުމެވެ. މީގެއިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދުގެ ފަތިސްނަމާދަށްފަހު ވަނީ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގެމަނަފުށީގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، ތުތި ބޯވަދިލަމަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގުމާއި، މަސްވެރިންނަށް ޚާއްޞަކޮށްގެން ފުނަށް ފީނުމާގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވަމުން އަންނަ ފުޑް ފެއާއާއި، މަސްކެނޑުމުގެ މުބާރާތާއި، ކުޑަކުދިންގެ ހަވީރާއި ސްޓޭޖްޝޯވ ފަދަ ޙަރަކާތްތައް ގެމަނަފުށީގައި ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ސަރުކާރުން ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގައި މަސްވެރިން އަދާކުރާ ދައުރާއި، މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަންފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. އޭރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އައީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަކުރަމުން އައި މަސްވެރިންގެ ދުވަސް އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާގޮތަށް ބަދަލުކުރެއްވިއެވެ. ނަމަވެސް އޭގެފަހުން 2013 ވަނަ އަހަރު ކުރިން އޮތް ގޮތަށް ޑިސެމްބަރ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމުގައި ސަރުކާރުން އަލުން ހަމަޖެއްސެވިއެވެ.

މިދިޔަ އަހަރު ރާއްޖޭގެ 37 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ ހއ. އިހަވަންދޫގައެވެ.