ވިޔަފާރި

އިންޓަނެޓްގެ އަގުހެޔޮކުރުމުން އިޤްތިޞާދު ކުރިއަރާ ދުވެލި ހަލުވިވެގެންދާނެ


އިންޓަނެޓްގެ އަގު ހެޔޮކުރުމުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ ދުވެލި ހަލުވިވެގެންދާނޭކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީހް ވިދާޅުވީ، ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަވެސް ފެއްޓެވި މަޝްވަރާއަކީ ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމާ ގުޅޭ މަޝްވަރާކަމަށެވެ. އެގޮތުން ދިރާގާއި އުރީދޫ އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުންނާއި ބައްދަލުކޮށް، އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާގެ އަލީގައި އިންޓަނެޓްގެ އަގުހެޔޮ ކުރެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޓަނެޓާއި އިޤްތިޞާދާ ގުޅިފައިވާ މިންވަރަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ބަރޯސާވެފައިވަނީ އިންޓަނެޓްގެ އަގާއި އޭގެ ހަލުވި މިނަކަށްކަމަށެވެ. އެގޮތުން ބޭރު ދުނިޔެއާއި ރާއްޖޭގެ ގުޅާލުމުގައި އިންޓަނެޓް މުހިއްމު ދައުރެއް އަދާކުރާއިރު އިންޓަނެޓްގެ އަގުހެޔޮވެ، އަވަސްވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލިވެސް ހަލުވިވެގެންދާނޭކަމަކަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލް އިޤްތިޞާދަކަށް ބަދަލުވަމުންދާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ މުހިއްމު އަދި އިޤްތިޞާދަށް ކުރިއެރުންތަކެއް ގެނެސްދޭނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިތުރު އޮޕަރޭޓަރުން ރާއްޖެއަށް ގެނެސްގެން ނަމަވެސް، އަދި އިތުރު ސަބްމެރިން ކޭބަލްތައް ރާއްޖެއަށް އަޅައިގެން ނަމަވެސް، އިންޓަނެޓްގެ އަގުހެޔޮކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައްވެސް މިހާރު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ފަށާފައިވާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.