ވިޔަފާރި

ވާވޭގެ އެންމެފަހުގެ ދެ ފޯނަށް ނަޒަރެއް


މިދިޔަމަހު ދުނިޔޭގެ ބާޒާރަށް ނެރުނު ޗައިނާގެ ވާވޭ ކުންފުނީގެ އެންމެފަހުގެ ދެ ފޯނުކަމަށްވާ، ވާވޭ މޭޓް 20 ޕްރޯ އަދި ވާވޭ މޭޓް 20 އަކީ ޓެކްނޮލޮޖީގެ ގޮތުން އެޕަލްއާއި ސެމްސަންގުގެ އެންމެފަހުގެ ފޯނުތަކާ ވާދަކޮށްލެވޭ ފެންވަރުގެ ދެ ފޯނެވެ.

ވާވޭ މޭޓް 20 ޕްރޯ ފޯނަށް ބަލާލާއިރު، ފޯނުގެ ކުރިމައްޗާ ފަހަތުގައި ބިއްލޫރި ހުންނައިރު ފޯނު ވަށައިގެން އެލްމިނިއަމް ފްރޭމެއް ހުރެއެވެ. ފޯނުގެ ދިގުމިނުގައި 6.21 އިންޗި ހުންނައިރު ފުޅާމިނުގައި 2.85 އިންޗި ހުރެއެވެ.

އެމޮލޮއިޑް ޑިސްޕްލޭއެއް ހުންނައިރު، ޑިސްޕްލޭ ރައްކާތެރި ކޮށްދޭނީ ކޯރނިންގ ގޮރިއްލާ ގްލާސްއިންނެވެ. ޑިސްޕްލޭގެ ބޮޑުމިނަކީ 6.39 އިންޗިއެވެ. ފޯނުގެ އޮޕަރޭޓިންގ ސިސްޓަމަކީ އެންޑްރޮއިޑްގެ އެންމެފަހުގެ ވަރޝަން 9.0 ނުވަތަ ޕައިއެވެ.

ވާވޭ މޭޓް 20 ޕްރޯގެ 256 ޖީބީގެ އިންޓަރނަލް މެމޮރީއަކާއި 8 ޖީބީގެ ރެމްއެއް ހިމެނޭ ފޯނެއްގެ އިތުރުން 128 ޖީބީގެ މޮމޮރީއަކާއި 6 ޖީބީގެ ރެމެއް ހިމެނޭ ފޯނެއްވެސް ނެރުނެވެ. މީގެ ތެރޭގައި އެއް ސިމް އަދި ދެ ސިމް ލެއްވޭ ފޯނުވެސް ހިމެނެއެވެ.

ރިތީ ފޮޓޯ ނެގުމުގެ ގާބިލްކަން ލިބިފައިވާ މިފޯނުގެ ފަހަތުގައި ހުންނަ މައި ކެމެރާއަކީ 3 ލެންސެއްގެ މައްޗަށް އެކުލެވޭ ކެމެރާއެކެވެ. އެއީ ވައިޑް ފޮޓޯ ނެގުމަށް 40 މެގަޕިކްސެލްގެ ލެންސަކާއި އަލްޓްރާ ވައިޑް ފޮޓޯ ނެގުމަށް 20 މެގަ ޕިކްސެލްގެ ލެންސެކާއި އަދި ޒޫމްކޮށްގެން ޓެލެފޮޓޯ ނެގުމަށް 8 މެގަޕިކްސެލްގެ ލެންސެކެވެ. ފޯނުގެ ކުރިމަތީގައި ހުންނަ ސެލްފީ ކެމަރާގައި 24 މެގަ ޕިކްސެލް ހިމެނޭއިރު މިއީ ވައިޑް ޝޮޓްވެސް ނެގޭ ކެމެރާއެކެވެ.

ފޯނުގައި ފޭސް އައިޑީ އާއި ފިންގަޕްރިންޓް ޓެކްނޮލޮޖީ ހިމެނޭއިރު ފޯނުގެ ބެޓަރީގެ ކެޕޭސިޓީއަކީ 4200 މިލި އެމްޕް އަވަރއެވެ. އަނެއްކޮޅުން ވަޔަލަސް ޗާޖް ކުރުމުގެ ޤާބިލްކަން ލިބިފައިވާ މިފޯނު ބޭނުންކޮށްގެން ވަޔަލަސް ޗާޖު ކުރެވޭ އެހެން ފޯނުތައްވެސް ޗާޖު ކޮށްލެވޭނެއެވެ.

މިފޯނު ހަތަރު ކުލައެއްގައި ލިބެން ހުންނާނެއެވެ. އެއީ އެމެރަލްޑް ގްރީން، މިޑްނައިޓް ބުލޫ، ޓްވައިލައިޓް އަދި ކަޅުކުލައެވެ.

ވާވޭ މޭޓް 20 އަށް ބަލާލާއިރު ބިއްލޫރިން ހަދާފައިވާ ފޯނުގެ ވަށައިގެން އެލްމިނިއަމް ފްރޭމެއް ހުންނައިރު، ފޯނުގެ ދިގުމިނުގައި 6.23 އިންޗި އަދި ފުޅާ މިނުގައި 3.04 އިންޗި ހުރެއެވެ.

ޕީއެސް އެލްސީޑީ ޑިސްޕްލޭއެއް ހުންނައިރު، ޑިސްޕްލޭ ރައްކާތެރި ކޮށްދޭނީ ކޯރނިންގ ގޮރިއްލާ ގްލާސްއިންނެވެ. ޑިސްޕްލޭފެ ބޮޑުމިނަކީ 6.53 އިންޗިއެވެ. ފޯނުގެ އޮޕަރޭޓިންގ ސިސްޓަމަކީ އެންޑްރޮއިޑްގެ އެންމެފަހުގެ ވަރޝަން ނައިން ޕޮއިންޓް ޒީރޯ ނުވަތަ މަޝްހޫރު ނަމުންނަމަ ޕައިއެވެ.

ވާވޭ މޭޓް ޓުވެންޓީގެ 128 ޖީބީގެ އިންޓަރނަލް މެމޮރީއެއް ހުންނައިރު 4 ޖީބީގެ ރެމްއަކާއި 6 ޖީބީގެ ރެމްއެއް ހިމެނޭ ފޯނެއް ހިމެނެއެވެ. ފޯނުގެ ފަހަތުގައި ހުންނަ މެއިން ކެމެރާއަކީ 3 ލެންސެއްގެ މައްޗަށް އެކުލެވޭ ކެމެރާއެއް، އެއީ ވައިޑް ފޮޓޯ ނެގުމަށް 12 މެގަޕިކްސެލްގެ ކެމެރާއަކާ އަލްޓްރާ ވައިޑް ފޮޓޯ ނެގުމަށް 16 މެގަ ޕިކްސެލްގެ ކެމެރާއެއް އަދި ޒޫމްކޮށްގެން ޓެލެފޮޓޯ ނެގުމަށް 8 މެގަޕިކްސެލްގެ ކެމެރާއެކެވެ.

ފޯނުގެ ކުރިމަތީގައި ހުންނަ ސެލްފީ ކެމެރާގައި 24 މެގަ ޕިކްސެލް ހިމެނޭއިރު މިއީ ވައިޑް ޝޮޓްވެސް ނެގޭ ކެމެރާއެކެވެ. ފޯނުގައި ފިންގަޕްރިންޓް ޓެކްނޮލޮޖީ ހިމެނޭއިރު، ބެޓަރީގެ ކެޕޭސިޓީއަކީ 4000 މިލި އެމްޕް އަވަރއެވެ. މިފޯނު މިޑްނައިޓް ބުލޫ، ޓްވައިލައިޓް އަދި ކަޅު ކުލައިގައި ލިބެން ހުންނާނެއެވެ.