ޚަބަރު

ބޭރު ދުނިޔެއާ އެކަހެރިކޮށް އޮތުމަކީ ސަރުކާރުން ޤާބޫލުކުރާ އުސޫލެއްނޫން- ރައީސް ޞާލިޙް


ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކީ ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ބޭރު ދުނިޔެއާ އެކަހެރިކޮށް އޮތުމަކީ މި ސަރުކާރުން ޤާބޫލުކުރައްވާ އުސޫލެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ރާއްޖެއިން އަލުން ކޮމަންވެލްތްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލަށް ފޮނުއްވި ސިޓީފުޅުގައެވެ.

މި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ، މި ސަރުކާރުގެ ވިސްނުންފުޅަކީ، ކުޑަ އަދި ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމެއްގައި ސުލްހަވެރިކަމާއި އޮމާން ކަމާއެކު ވެރިކަން ބަދަލު ވެގެން ދިޔަދިއުމުގެ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށެވެ. އަދި، ދުނިޔޭގެ ޑިމޮކްރަސީއާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާގުޅޭ ބަހުސްތައް ބައިނަލްއަޤްވާމީ މައިދާނުގައި ސަމާލުކަމަށް ގެނައުމުގައި، ރާއްޖޭގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އަވައްޓެރި ޤައުމުތަކާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި އެކި ޖަމާޢަތްތަކާއެކު ޤާއިމްކުރެވިފައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާކަން ފާހަގަކޮށްލެވޭ.