ޚަބަރު

އަލުން ކޮމަންވެލްތުގައި ބައިވެރިވާން ބޭނުންވާކަން ހާމަކޮށް ރައީސް ސިޓީފުޅެއް ފޮނުއްވައިފި


ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮނުއްވައިފިއެވެ.

މި ސިޓީފުޅުގައި، ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލެރޭޝާންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށްހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަށަވަރުކޮށް، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ޖާގަދިނުމުގައި، ކޮމަންވެލްތްގެ މެންބަރަކަށް ވުން މުހިންމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކިއެކި ފަންނީ އަދި ޤާބިލް މީހުން ތަމްރީނު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން، ކޮމަންވެލްތްގެ ފަރާތުން މީގެ ކުރިން ދިވެހިންނަށް ލިބެމުންދިޔަ، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ކުޅިވަރުގެ މައިދާނުގައި ފަހިވެފައި ހުރި ފުރުޞަތުތައް ފާހަގަ ކުރައްވައި، އެފަދަ ފުރުޞަތުތަކުގައި ދިވެހިން ރާއްޖެއިން އެކި ރޮނގުރޮނގުން ބޭރުގައި ކުރާ ތަޖުރިބާތައް، ރާއްޖޭގެ ފަންނީ ދާއިރާތަކުގައި ހިއްސާވަމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.