ވިޔަފާރި

ކޮންސްޓްރަކްޝަން އަދި ޓުއަރިޒަމް ދާއިރާގެ އިސްބޭފުޅުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި


ކޮންސްޓްރަކްޝަން ދާއިރާގެ އިސްބޭފުޅުންނާއި ޓުއަރިޒަމް ދާއިރާގެ މަސައްކަތްކުރައްވާ އިސް ފަރާތްތަކާ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ކޮންސްޓްރަކްޝަން ދާއިރާއާއި ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުންތަކެއް ބައިވެރިވިއިރު، އެ ދާއިރާތަކަށް ކުރިއެރުމާއި ތަރައްޤީ ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިގޮތުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި އެޖަމްޢިއްޔާގެ ރައީސް އަބްދުﷲ މުހައްމަދާއި އެޖަމްޢިއްުޔާގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު އަދި އެމް.އެން.އޭ.ސީ.އައިގެ ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ޓުއަރިޒަމް ސިނާޢަތް ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކާއި، އެޖަމްޢިއްޔާގެ ވައިސް ޗެއަރމަން ހުސައިން އަފީފާއި މަޓީގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.

ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ގެންދަވަނީ އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ގިނަ ފަރާތްތަކަކާ ބައްދަލުކޮށް، މަޝްވަރާތައް ކުރައްވަމުންނެވެ.