ޕާޓީގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތަށް އެ ދަރަންޏެއް ނުދައްކާނަމަ އެޕާޓީއަކަށް ދައުލަތުން ދޭ ފައިސާއިން އެބައި އުނިކުރުމަށް ސީޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ކުޑަހުވަދޫ ދައިރާގެ އެމްޑީއޭ މެންބަރު އަހުމަދު އާމިރުއެވެ.
މި އިސްލާހުގައި ބުނެފައިވަނީ ޕާޓީއެއް އުވާލާނަމަ އެ ޕާޓީއަކުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާނަމަ އެ މަދުވާ އަދަދެއްގެ ފައިސާއެއް ދެއްކުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ދަރަނީގެ މުޢާމަލާތް ހިންގިއިރު ޕާޓީގެ މަސްއޫލިއްޔަތު ތަކާ ހަވާލުވެ ތިބި ބައެއްކަމަށެވެ. އަދި ޕާޓީ އުވާލި ނަމަވެސް ޕާޓީގެ ނަމުގައި މިލުކުކޮށްފައިވާ މުދާލާއި ތަކެތި ވިއްކާލައިގެން ލިބޭ ފައިސާއަކީ ދަރަނި އަދާކުރެވޭވަރުގެ އަދަދެއްކަމަށް ނުވާނަމަ އެ ދަރަންޏެއް އަދާކޮށް ހަލާސް ކުރުމުގެ ޒިންމާވެސް ނަގަންޖެހޭނީ އެވަގުތު ޕާޓީ ހިންގަން ތިބި މަސްއޫލުވެރިންކަމަށްވެސް މި އިސްލާހުގައިވެއެވެ.
މީގެއިތުރުން ޕާޓީ ހިންގުމާއި ޕާޓީގެ ފަރާތުން ކެމްޕެއިން ކުރުމާއި ޕާޓީން ހިންގާ އެއްވެސް ޙަރަކާތަކާއި ގުޅިގެން ޖިނާއީ ނުވަތަ މާލީ އެއްވެސް ޒިންމާއެއް އުފުލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ޒިންމާއެއްވެސް ނަގަންޖެހޭނީ އެކަމެއް ހިންގިއިރު ޕާޓީ ހިންގަން ތިބި އިސްވެރިންކަމަށްވެސް އާމިރު ހުށައެޅި އިސްލާހުގައިވެއެވެ.
އާމިރު ހުށައެޅި އިސްލާހުގައިވާ ގޮތުން މި ބިލް މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ކޮންމެ އަހަރެއް ގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 ފަސެންޓް ފައިސާ ސިޔާސީ ޕާޓީތަކަށް ދޭންޖެހެއެވެ.