ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރަނީ


އިއްޔެ މާލެއަށްކުރި ވިއްސާރައިގައި ގެއްލުންލިބުނު ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެން.ޑީ.އެމް.ސީން ބުނެފިއެވެ.

އެން.ޑީ.އެމް.ސީގެ ޕްރޮޖެކްޓް ޑިރެކްޓަރ ޙިސާން ޙަސަން ވިދާޅުވީ، ރެއިން ފެށިގެން މި މަސައްކަތް ކުރަމުންދާކަމަށާ، ރޭގެ ނިޔަލަށް 99 ގެއެއްގެ މަޢުލޫމާތު އެއްކޮށްފައިވާއިވާކަމަށެވެ. އަދި އެ ގެތަކަށް ލިބިފައިވާ ގެއްލުންތައް މިހާރު އެނަލިސްކުރަމުންދާކަމަށާއި، މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ އަދަދު އެ ސެންޓަރު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ރިކޯޑު އަދަދަކަށް ވާރޭވެހިފައިވާއިރު، މަގުތަކުގައި ފެންބޮޑުވެ، ހިނގާބިގާވެ އުޅުމަށް ދަތިވެ، ބައެއް ގެތަކަށާއި، ގުދަން އަދި ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކަށް ފެންވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި މަގުމަތީގައި ޕާކުކޮށްފައިވާ ބައެއް ވެހިކަލްތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.