ޚަބަރު

ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ރައީސް ހަމްދަރުދީ ފޮނުއްވައިފި


މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މާލެއަށް ބޯކޮށް ވާރެވެހުމާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށް ހިތާމަކުރާކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއި ސިފައިންނާއި ފުލުހުން އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި އަދި އާއްމު ފަރުދުން ދަނީ މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާ، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުވުމުގެ މަސައްކަތްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ބަޔާނުގައި އެން.ޑީ.އެމް،ސީ، އެމް.އެން.ޑީ.އެފް، އެމް.އާރު.ސީ، މޯލްޑިވްސް ޕޮލިސް އަދި އާއްމު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސް ޞާލިހު ވަނީ ފެން ހިއްކުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކަޅުތުއްކަލާ ކޮށްޓަށްވެސް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ކޯރޑިނޭޝަން ސެންޓަރ އަދި ހާލުގައިޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދޭ މަރުކަޒު ޤާއިމްކޮށްފައިވާ ކަލާފާނު ސްކޫލަށްވެސް ރައީސް ޞާލިހު ވަނީ ޒިޔާރަތްކުރައްވާފައެވެ. ރައީސް އަރިހުގައި ހޯމް މިނިސްޓަރ، ޑިފެންސް މިނިސްޓަރ، ހެލްތު މިނިސްޓަރ އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.