ޚަބަރު

ފަނޑިޔާރު އަލީ ހަމީދުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފި


ސުޕްރީމްކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލްކޯޓުން އިއްވާފައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލު ކޮށްފިއެވެ.

އަލީ ހަމީދުގެ މައްޗަށް ދަށުކޯޓުން 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުޤީގަށް ފޯނު ނުދިން މައްސަލާގައެވެ. އެ ،މައްސަލާގައި އަލީ ހަމީދުގެ މައްޗަށް ދައުވާކޮށްފައިވަނީ އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

އަލީ ހަމީދަށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން ބާތިލްކޮށްފައި ވަނީ ހެކިންގެ ހެކިބަހުން އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުނުވާތީ އެވެ.

ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފުގެ އަޑުއެހުމުގައި އަލީ ހަމީދު ވިދާޅުވީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާ ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށް އައިސް ފޯނު ދިނުމަށް އެދުނު ކަމަށެވެ. އަދި އޭނާ އެވަގުތު ހުރީ ޙުރުމަތްތެރި މަޤާމެއްގައި ކަމަށްވެސް އަލީ ހަމީދު ވިދާޅުވިއެވެ. އެހެންކަމުން އެގޮތަށް ޢަމަލު ނުކުރެވޭނެ ކަމަށްވެސް ހައިކޯޓުގައި އަލީ ހަމީދު ވަނީ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމުވެސް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އޭރު ޙުކުމް ކުރިއެވެ. ނަމަވެސް ރައީސް މަޢުމޫން މިހާރު ވަނީ މިނިވަންވެވަފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ޢަލީ ހަމީދު ހައްޔަރުކޮށް ޖަލަށް ގެންދިޔަ ނަމަވެސް މިހާރު އެ ދެ ބޭފުޅުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.