ވިޔަފާރި

ސްޓެލްކޯއާއި އެމް.ޕީ.އެލްއަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުގެ ޗެއަރމަން މުހައްމަދު ނިޒާރު ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކޮށްފައިވަނީ ސ. ހުޅުދޫ ވާރުގެ، ޝާހިދު އަލީކަމަށެވެ. ޝާހިދަކީ ގިނަ ދުވަސްތަކެއް ވަންދެން އެސްޓީއޯގައި ޚިދުމަތްކުރެއްވުމުގެ އިތުރަށް، އެމްޑީޕީގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހެންވޭރު ސަންދަލީގެ، ހަސަން މުގްނީއެވެ. އޭނާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި 2014 ވަނަ އަހަރުގެ ޖެނުއަރީމަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. ނަމަވެސް ހަމަ އެއަހަރުގެ ޖޫންމަހުގެ ތެރޭގައި އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތައް ގެންނަމުންދާއިރު، މީގެ ކުރިން ވަނީ އެސްޓީއޯ، އައިލެންޑް އޭވިއޭޝަން ސަރވިސް، އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް އާ ބޭފުޅުން އައްޔަންކުރައްވާފައެވެ.