ކުޑަ ކުއްޖަކާ ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން 10 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އަދަބު ލުއި ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާޙީމް ހޫދު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ރައީސް ޞާލިޙު އެގޮތަށް ނިންމެވީ މީގެ ތިން އަހަރުކުރިން އިބްރާޙިމް ރަޝީދު ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
އިބްރާޙީމް ރަޝީދުގެ މައްޗަށް ކުޑަ ކުއްޖަކާއި އެކު ޖިންސީ ޢަމަލެއް ހިންގިކަން ސާބިތުވުމާއި ގުޅިގެން 2013ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ހައްޔަރުކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަނިކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެއެވެ. އަދި އެ މައްސަލާގައި އޭނާ ހައްޔަރުކޮށްގެން ތަހްޤީގު ކުރިއަށް ދަނިކޮށް ވަނީ އެ އަންހެން ކުއްޖާއާ ކައިވެނިވެސް ކޮށްފައެވެ.