ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
18ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންތަކުގެ ތެރެއިން ބައެއް މެންބަރުންނަށް ޕްރައިމަރީއަކާއި ނުލައި އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓު ޙަވާލު ކުރުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިވަގުތު ހުންނެވި ރައީސް ޔާމީން ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު ބޭ އިންސާފުން ނުވަތަ ކުށެއް ނެތް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރަންޖެހޭ ސަބަބެއް ވެސް އަދި އެމަނިކުފާނު ރާއްޖެ ދޫކޮށް ފިލަންޖެހޭ ވަރުގެ ކަމެއްވެސް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން ރިޔާސީ އިންތިޚާބަށްފަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު މިހާރު ރާއްޖެ ވަޑައިގެންފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"އެއްވެސް ސަބަބެއް ނޯންނާނެ އިނގޭތޯ. އެއްވެސް ސަބަބެއް ނޯންނާނެ. ދެން މި އެކްޓިވިސްޓުންނަށް ގޮވިދާނެ ބޭރު ގައުމުތަކުގެ މީހުން ވެސް ދިވެހި ރާއްޖެއަށް އައީމަ ހައްޔަރު ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި އަދި އެއީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށްވެސް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ފަހުން ހިނގާދިޔަ ކަންކަމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.