ޚަބަރު

ވަޒީރުންގެ މަސްލަޙަތު ފުށުއަރާ ވިޔަފާރިއެއް ނުވަތަ ޙިއްޞާއެއް އޮތްނަމަ ދޫކޮށްލަން އަންގަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރަކު ޢައްޔަން ކުރައްވާފައިވާ މިނިސްޓްރީއަކާއި މަސްލަޙަތު ފުށުއަރާ ވިޔަފާރިއެއް ނުވަތަ ވިޔަފާރިއެއްގެ ޙިއްޞާއެއް އޮތްނަމަ އެ ވިޔަފާރިއެއް ނުވަތަ ޙިއްޞާއެއް ދޫކޮށްލަންޖެހޭ ގޮތަށް ހަދަން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ވަޒީރުންގެ ވިޔަފާރިތަކާއި ގުޅުންހުރި މަޢުލޫމާތުތައް ކޮމެޓީއަށް ހުށަހަޅާފައެވެ. އެ ލިޔުންތަކުގައިވާ ގޮތުގައި ރައީސް ޞާލިޙުގެ ކެބިނެޓުގެ ބައެއް ވަޒީރުން ޢައްޔަން ކުރައްވާފައިވާ ވުޒާރާތަކާއި މަސްލަޙަތު ފުށުއަރާ ވިޔަފާރިތައް ކުރައްވާ ބައެއް ބޭފުޅުން އެބަ ތިއްބަވައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީން މެންބަރުންވަނީ އެއްވެސް ކުންފުންޏެއްގެ މަގާމެއްގައި ނުވަތަ އެފަދަ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރައްވާ ވަޒީރަކު ހުންނަވާނަމަ އެ ވަޒީރަކު އެ ކުންފުންޏެއްގެ މަޤާމުން ވަކިވާންޖެހޭނެ ކަމަށެވެ. އަދި ޢައްޔަންކުރައްވާފައިވާ ވުޒާރާއަކާއި ފުށުއަރާ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ހިއްޞާއެއް އޮންނަ ނަމަ 14 ދުވަސް ތެރޭގައި އެ ޙިއްޞާއެއް ދޫކޮށްލަންޖެހޭނެ ކަމަށްވެސް މިއަދު ބޭއްވި ކޮމެޓީގައި މެންބަރުން ވަނީ ވިދާޅުވެފައެވެ.