ޚަބަރު

އައްޑޫ ސިޓީގެ މަގުތަކަށް ކައުންސިލުން ބޭނުންވާ ބަދަލުތައް ގެނެވޭނެ - މިނިސްޓަރ


އައްޑޫ ސިޓީ ކައުންސިލުން ބޭނުންވާ ބަދަލުތަކާއެކު އެ ސިޓީގެ މަގުތަކާއި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީއަށް ދިވާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ކަންކަން ސީދާ ސަރުކާރުން ކުރުމުގެ ބަދަލުގައި، އައްޑޫ ސިޓީ ކައުންސިލަށް އެކަންކަން ކުރުމުގެ ބާރު ދޭނެކަމަށެވެ. އެގޮތުން އައްޑޫގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމާއި، ލިންކްރޯޑް ބޭނުންކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކައުންސިލުން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ވީއެންމެ އަވަހަށް ފެށިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވަނީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ދިމާވާ ދަތިތައް އޮޅުން ފިލުއްވާފައެވެ. އެގޮތުން މީހުން ނޫޅޭ ސަރަހައްދުތަކުގެ މަގުތަކުގައި އަލިކަން ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމާއި، އައްޑޫ ޑްރައިވިން ސްކޫލް މޮނީޓަރ ކުރުމާއި، ލިންކް ރޯޑްގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅާކަން ކަށަވަރު ކުރުމާއި، މަގުމަތީގައި ދުއްވާ އުޅަނދުތަކާއި، ގަރާޖްތައް ވަކި މިންގަނޑަކަށް ފެއްތުމާ ގުޅޭގޮތުން މިނިސްޓަރ ނަހުލާ ވަނީ އައްޑުސީޓީ ކައުންސިލްގެ މެމްބަރުންނާ މަޝްވަރާކުރައްވާފައެވެ.

"އައްޑޫގެ ގިނަ މަގުތަކުގައި ސައިން ބޯރޑް ނެތުމާއި އަދި ޚާއްޞަކޮށް އޯވަރޓޭކް ކުރާނެ ތަނެއް އެއްވެސް ވަރަކަށް ނެތުމާއި އެކަންތައްތަކަށް އަވަސް ހައްލެއް ބޭނުންވޭ. ކުރިއަށް އޮތްތާނގަ މަގުތައް ބެލެހެއްޓުމާއި މަގުތަށް އެއްކޮށް ކައުންސިލްގެ ދަށަށް އައުމުން މިކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަންތައްތައް ކުރައްވަމުން ގެންދަވާނެކަމަށް އުއްމީދު ކުރާނަން" މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ހުރި ގޮތް ބައްލަވައިލެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ ފުލުންނާ ބައްދަލުކުރައްވައި މަގުތަކުގެ ޙާލަތާމެދު މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އައްޑޫއަށް ކުރެއްވި މިދަތުރުފުޅަކީ ސައުތު އެފްރިކާއިން ގަމަށް ޗާޓަރު ފްލައިޓު ދަތުރުތައް ފެށުން އިފްތިތާހު ކުރުމުގެ ރަސްމިއްޔުގައި ބައިވެރިވެވަޑައިގަތުމަށާއި އައްޑޫގެ ޙާލަތު ދެނެގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.