ޚަބަރު

މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލު، ނާއިބް ރައީސް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް، މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ ގެތަކަށް ޒިޔާރަތްކުރައްވައި އެފަރާތްތަކުގެ ހާލުބައްލަވައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން، ނައިބްރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ނާއިބްރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކުރައްވާ، އެފަދަ މީހުންނާއި، އެމީހުން ބަލަހައްޓާ ފަރާތްތަކާ ބައްދަލުކުރައްވާ ހާލު އޮޅުންފިލުއްވާފައެވެ. އެގޮތުން އެމީހުންނަށް ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި، ބޭސް ފަރުވާއާއި، ބޭނުންވާ ތަފާތު ތެރެޕީތައް ހޯދުމުގައި ހުރި ދަތިތައްވެސް އޮޅުންފިލުއްވާފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަންހުރި މީހުންނާއި ކުދިންގެ އުނގެނުމުގެ ޙާލަތު ބައްލަވާ ލައްވާ، މުޖުތަމަޢުގައި ފުރިހަމަ ރައްކާތެރިކަމާއި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުންވެސް ނާއިބްރައީސް ވަނީ އެފަރާތްތަކާ ވާހަކަފުޅު ދައްކަވާފައެވެ.

އަދި މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަތް ހުރި ފުރުޞަތުތައް މިހާރަށްވުރެ ފުޅާކޮށް، ފުޅާ ދާއިރާއެއްގައި އާސަންދައިން ބޭސް ފަރުވާ ލިބޭނެ ނިޒާމާއި، އެފަދަ ފަރާތަތްކަށްދޭ ތެރެޕީ އިތުރު ކުރުމާއި، ވަޒީފާގެ ފުރުޞަތުތަކާ ބެހޭ ގޮތުންވެސް ނާއިބްރައީސް ވަނީ ބެލެނެވެރިންނާއި ވާހަކަ ދައްކަވާފައެވެ.

ނަޢިބު ރައީސާއި ޖެންޑަރ މިނިސްޓަރުގެ މި ޒިޔާރަތުގައި ޖިސްމާނީ ނުކުޅެދުންތެރިކަމާއި ނަފްސާނީ ނުކުޅެދުންތެރިކަންހުންނަ މީހުންނާއި، ކުދިންނާ ބައްދަލު ކުރައްވާފައިވެއެވެ.