ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު ވަޒީފާއިން ވަކި ކުރީ ގޯސް ކަމަށް ކަނޑައަޅައި އަލުން އޭނާ އަށް ފުލުހުންގެ ވަޒިފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރިކަމަށް ބުނެ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި އެ މައްސަލާގައި އެނާ ހައްޔަރުކޮށްފައިވެސްވެއެވެ. ހަމީދަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުންވެސް ވަނީ މީގެކުރިން ޙުކުމްކޮށްފައެވެ. އެހެންނަމަވެސް އޭނާއަށް ސިވިލް ކޯޓުން ކުރި ޙުކުމް ހައިކޯޓުން ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ހަމީދު ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމު އޭނާއަށް އަލުން އަނބުރާ ރުޖޫޢު ކުރުމަށް އަމުރުކުރާ ކަމަށެވެ.
ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން އަމުރުކުރިއިރު އޭނާއަށް ޕޮލިސް ކޮމިޝަނަރުގެ މަޤާމު ދޭން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމު ދިން ކަމުގައިވިއަސް އޭނާއަށް ސީޕީގެ މަޤާމެއް ނުލިބޭނެއެވެ.
ހަމީދަށް ސީޕީގެ މަޤާމު ލިބޭނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޕްރޮމޯޓު ކުރުމުންނެވެ. ފުލުހުންގެ ޤާނޫނުގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ޢައްޔަން ކުރެވޭނީ ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ އޮފިސަރަކަށެވެ.