ޚަބަރު

އެކޮމަޑޭޝަން ބްލޮކްގައި ރޯވެ ދެ ފުލުހަކު ޒަހަމްވެއްޖެ


ގއ. ވިލިނގިލީގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ރޯވެ ދެ ފުލުހަކު ޒަހަމްވެއްޖެއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:45 ހާއިރު ހިނގި ހާދިސާގައި ޒަހަމްވި ދެމީހުންގެ ތެރެއިން އެކުކު ވަރަށް ބޮޑަށް ފިހިފައިވާކަމަށެވެ. އަދި އަނެއް މީހާ ކޮނޑުހުޅު ނެއްޓިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ޒަހަމްވި ދެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގއ. އަތޮޅު ހޮސްޕިޓަލްގައެވެ. އަދި ފަހުން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދެ މީހުން ބަދަލު ކުރިއެވެ. ފުލުހުން ބުނީ ދެ މީހުން މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ދެމީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތްކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ރޭ ހިނގި މި ހާދިސާގައި ފުލުހުންގެ އެކޮމަޑޭޝަން ބޮލޮކް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާކަމަށް ފުލުހުން ބުނެއެވެ.