ޚަބަރު

މަލޭގެ މަގުތައް ހުރިގޮތުން ކުއްލި ޙާލަތުގައި އަވަސް ޚިދުމަތްތަކެއް ދޭން ދަތި- ޑިފެންސް މިނިސްޓަރ


މަލޭގެ މަގުތައް ހެދިފައިހުރިގޮތުން، ކުއްލި ހާލަތުގައި އެންމެ އެކަށީގެންވާގޮތުގައި މަސައްކަތްކުރުމަށް ދަތިތަކެއް ހުރިކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެކްސަރސައިޒް 2018 ގެ ޙަރަކާތްތައް ބައްލަވާލެއްވުމަށް ސެނެހިޔާ ސަރަޙައްދަށް ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޑިފެންސް މިނިސްޓަރ ޢަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، މާލޭގައި ދިމާވާ އަލިފާނުގެ ހާދިސާތަކާއި އެނޫން ކުއްލި ހާލަތުގައި ޙަރަކާތްތެރިވާންޖެހޭ ހާލަތްތަކުގައި އަވަސް ޚިދުމަތްތަކެއް، ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށާ، އެކަންކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކަކީ ކުރިން މިފަދަ ކަންތައްތަކަކަށް ޕްލޭން ކުރެވިގެން ހަދާފައިވާ މަގުތަކެއް ނޫންކަމުން، މިކަމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހޯދޭނެ ހައްލުތައް ދެނެގަނެ، ކުއްލި ހާލަތުގައި އަވަސް ޚިދުމަތްތަކެއް ދެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިފަދަ މަސައްކަތްތަކެއް ކުރާއިރު، މަގުތަކުގެ ޓްރެފިކަށް ގެންނަ ބަދަލުތަކަށް، ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިގާވެ އުޅޭ ފަރާތްތައް މިކަންކަމަށް ސަމާލުވެ، އަހުލުވެރިވުމާއި، އެ ފަރާތްތަކުގެ އެއްބާރުލުން މުހިންމު ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔަރ އެކްސަރސައިޒް 2018 ކުރިއަށްގެންގޮސްފައިވަނީ، މި މިދިޔަ ނޮވެމްބަރު މަހުގެ 29 ހުން ޑިސެމްބަރު އެއްވަނަ ދުވަހާ ހަމައަށެވެ. މި އެކްސަރސައިޒްގެ އެންމެ ފަހު ދުވަހު ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ފްލީޓަށް 2 ސައިކަލް އިތުރުކޮށްފައެވެ. އަލިފާނުގެ ޙާދިސާތައް ކޮންޓްރޯލް ކުރުމުގައި ބޭނުންކުރަން ފެށި މިވެހިކަލްތަކަކީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރި ވެހިކަލްތަކެކެވެ.

ފަޔަރ އެކްސަރސައިޒް ބައްލަވާލެއްވުމަށް ވަޑައިގެން ޑިފެންސް މިނިސްޓަރ ވަނީ، އަލިފާން ނިއްވުމަށް އަލަށް ބެނުންކުރަންފެށި ވެހިކަލްތަކާއި އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމުގައި މިވެހިކަލްތަކުގެ ބޭނުން ކުރާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އެމްއެންޑީއެފްގެ ފަޔަރ އެކްސަރސައިޒް 2018 ގައި ވަނީ، ފަޔަރ އެންޑް ރެސްކިއުއިން އަލަށް ބޭނުންކުރަންފެށި، ސައިކަލްތައް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއްވެސް ދައްކާލާފައެވެ. އެމްއެންޑީއެފުން ބުނީ، މާލޭގެ ހަނި ގޯޅިތަކަށް ފަޔަރ އެންޑް ރެސްކިޔުގެ ބޮޑެތި ވެހިކަލްތަކަށް ވަނުމަށް ދިމާވެފައިވާ މައްސަލައަށް މި ސައިކަލުތަކުގެ ސަބަބުން ހައްލެއް ލިބިގެންދާނެކަމަށެވެ.

ނުވަ ލީޓަރުގެ ފެން ރައްކާކުރެވޭގޮތަށް ހަދާފައިވާ މި ސައިކަލުގައި ހުންނަ ފެން ޓޭންކަކީ، ވަކިން ނައްޓާލައިގެންވެސް ބޭނުންކުރެވޭގޮތަށް ހުންނަ ޓޭންކްތަކެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެނޑީއެފުން ބުނީ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތައް ކުޑު ކޮށް، އަވަސް ޚިދުމަތްތަކެއް ދިނުމަށް މި ވެހިކަލްތަކުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށެވެ.