ޚަބަރު

ރާއްޖޭގައި އެއިޑްސް ބަލި ޖެހޭ މީހުން ނިސްބަތުން މަދު


މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އެއިޑްސް ބަލީގެ ދުވަހެވެ. ރާއްޖޭގައި މިދުވަސް 1987ވަނަ އަހަރު ފާހަގަކުރަން ފަށާފައިވާއިރު، ރާއްޖެއަކީ ނިސްބަތުން މިބަލި ޖެހޭ މީހުންގެ އަދަދު މަދު ޤައުމެކެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަސް ބައިނަލްއަޤްވާމީ އެއްޑްސް ބަލީގެ ދުވަހުގެގޮތުގައި ފާހަގަކުރަމުންދާއިރު، މި ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 1987ވަނަ އަހަރު. އޭޑްސް ދުވަހުގެ މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނި "ނޯ ޔުއަރ ސްޓޭޓަސް" އެވެ. މި ޝިއާރުގެ މަޤްޞަދަކީ ވީހާވެސް ގިނަ މީހުން އެޗްއައިވީއަށް ޓެސްޓް ކުރުމާއި، ޕޮޒިޓިވް ވެއްޖެ ނަމަ އަވަހަށް ފަރުވާ ދިނުމެވެ.

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެޗް.އައި.ވީ ވައިރަސް ނުވަތަ އޭޑްސް ބަލި ޖެހޭ މިންވަރު މަދު ޤައުމެކެވެ. އެގޮތުން މިދިޔައަހަރުގެ ނިޔަލަށް ރާއްޖޭގައި މި ބަލިޖެހިފައިވަނީ 25 މީހުންނަށެވެ. މީގެތެރެއިން 12މީހުން މިހާރު ދުނިޔޭއަކު ނެތެވެ.
މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ތެރެއިން 415 ބިދޭސީއެއްގެ މެޑިކަލް ޗެކަޕް މެޑިކަލް ޗެކަޕް ހެދުމުގެ ތެރޭގައި 415ބިދޭސީންގެ ގައިންވަނީ މި ބަލި ފެނިފައެވެ.

އެއިޑްސްއާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއިން ޢާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، 2008ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއެއްކަމަށްވާ "ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސަރވޭ"އިން ދެއްކި ގޮތުގައި ރާއްޖޭގައި މި ވައިރަސް ފެތުރުމަށް މެދުވެރިވާ އާދަތަށްދަނީ އަށަގަންނަމުންނެވެ. އެގޮތުން މި ސަރވޭއިން ދެއްކިގޮތުގައި ފައިސާއަށް ހަށިވިއްކުމާއި، މަސްތުވާތަކެތި ބޭނުންކުރުމަށް އެކަކު ބޭނުންކުރާ ކަށި އަނެކަކު ބޭނުންކުރުމާއި، ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުންފަދަ ކަންކަން ހިމެނޭ ކަން މި ދިރާސާއިން ދައްކައެވެ.

މީގެއިތުރުން، މި ވައިރަސް ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ރައްކާތެރިނޫން ލޭ އެޅުމާއި، އެއިޑްސް ޖެހިފައިވާ މައެއްގެ ފަރާތުން މާބަނޑު ދުވަސްވަރާއި، ވިހެއުމުގައި ދަރިފުޅަށް މި ވައިރަސް ފެތުރުން ހިމެނެއެވެ.

އެއިޑްސް ބަލީގައި ގިނައިން މީހުން މަރުވަނީ އެޗް.އައި.ވީ ވަރަސްގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރުދެރަވެ އެހެނިހެން ބަލިތަކުގެ ޝިކާރައަކަށްވެގެންނެވެ.

މި ބަލި ފެތުރުނަނުދީ މަދުކުރުމަށް ރާއްޖެއިން ގެންދަނީ ކޮންމެ ފަސްއަހަރަކުން، ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރަމުނެވެ. އެގޮތުން 2014ވަނަ އަހަރުން 2018ވަނަ އަހަރުގެ ނިޔަލަށް ހަދާފައިވާ ޕްލޭންގެތެރެއިން ކޮށްފައިވާ ކަންކަމުގެތެރޭގައި ބަލިޖެހުމުގެ ފުރުޞަތު ބޮޑު މީހުންގެ މެދުގައި އެއިޑްސްއަށް ހޭލުންތެރިކޮށް ބަލިން ރައްކާތެރިވުމަށް މަޢުލޫމާތު ދިިނުމާއި، އެއިޑްސް ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމާއި، މި ބަލިޖެހިފައިވާ މީހުންނަކީ ސިއްޙަތު ރަނގަޅު ބައެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކަންކަން މަގުފަހިކޮށްދިނުމުގެ އިތުރުން، އެޗްއައިވީ ނުވަތަ އޭޑްސްއަށް ބޭނުންވާ ފަރުވާ، އެ ބޭނުންވާ ފަރަތްތަކަށް ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.

އެއިޑް ބައްޔަކީ މަދިރީގެ ސަބުންނާއި، އެއިޑްސް ޖެހިފައިވާ މީހަކާއި އެއްތަށިން ކެއުމާއި އެފަދަ މީހުން ބޭކުރާ ފާހަނައާއި އަންނައުނު ބޭނުންކުރުންފަދަ ކަންކަމުން ފެތުރޭ ބައްޔެއް ނޫނެވެ.