ޚަބަރު

އެމެރިކާގެ ކުރީގެ ރައީސް ބުޝް އަވަހާރަވެއްޖެ


1989 ވަނަ އަހަރުން 1993 ވަނަ އަހަރަށް އެމެރިކާގެ ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް ޖޯޖް ހަރބަރޓް ވޯލްޓަރ ބުޝް އަވަހާރަވެއްޖެއެވެ. ޖޯޖް ބުޝް އަވަހާރަވިކަން ހާމަކޮށްފައިވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ކުރީގެ އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ނެރުއްވި ބަޔާނެއްގައެވެ. ބުޝް އަވަހާރަވީ އުމުރުން 94 އަހަރުގައެވެ.

ފިނި ހަނގުރާމައިގެ ނިމުމުގެ ދުވަސްވަރު އެމެރިކާގައި ވެރިކަން ކުރެއްވި ބުޝް ވެރިކަން ކުރެއްވީ އެންމެ ހަތަރު އަހަރު ދުވަހު ކަމުގައިވާނަމަވެސް، އެ މަނިކުފާނަކީ، އެމެރިކާގެ ތާރީޚުގައި އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ލީޑަރުގެ ގޮތުގައި، އެތައް އަހަރެއް ވަންދެން ދެމިހުންނެވިއެެވެ.

އެ މަނިކުފާނުގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، 1990 ވަނަ އަހަރު، އިރާޤުގެ އޭރުގެ ރައީސް ސައްދާމް ޙުސައިންގެ ބާރުތަކުން ކުވެއިތަށް އަރާ ދިން ހަމަލާއަށް އެމެރިކާއިން ދިން ހަރުކަށި ރައްދެވެ. ފިނި ހަނގުރާމަ ނިމިގެން އައި މި ދަނޑިވަޅުގައި، ބުޝްގެ ޚާރިޖީ ސިޔާސަތު ވެެގެން ދިޔައީ، އެމެރިކާއަކީ ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި ދުނިޔެ ބަލައިގަންނަން މެދުވެރިވީ ސަބަބަށްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޖޯޖް އެޗް. ޑަބްލިއު. ބުޝް އަށް 2011 ވަނަ އަހަރު ވަނީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ޝަރަފު އަރުވާފައެވެ.

ޖޯޖް އެޗް. ޑަބްލިއު. ބުޝްގެ ދަރިކަލުން ޖޯޖް ޑަބްލިއު. ބުޝްވެސް ވަނީ އެމެރިކާގައި ރައީސްކަން ކުރައްވާފައެވެ. އަދި ޖޯޖް އެޗް. ޑަބްލިއު. ބުޝްގެ ބައްޕާފުޅު ވަނީ ސެނެޓުގެ މެމްބަރުކަން ކުރައްވާފައެވެ. އަދި އަނެއް ދަރިކަލުން ޖެބް ބުޝްއަކީވެސް ފްލޮރިޑާގެ ގަވަރުނަރުކަން ކުރެއްވި ބޭފުޅެކެެވެ.