ވިޔަފާރި

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް މިފްކޯއަށް 37 މިލިޔަން ރުފިޔާ ދީފި


މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން މިފްކޯއަށް 37 މިލިޔަން ރުފިޔާ ހަމަޖައްސައިދީފިއެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ގއ. ކޫއްޑޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ، މިދިޔަ ބުދަ ދުވަހާ ހަމައަށް މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި މިފްކޯއަށް ސަރުކާރުން ފައިސާދީފައިވާކަމަށެވެ. އެހެންކަމުން ބުދަ ދުވަހާ ހަމައަށް މިފްކޯއަށް މަސްކިރުވާފައި ފައިސާ ނުލިބި ހުރި ހުރިހާ ބިލްތަކަށް ފައިސާ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ޒާހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ، މިފްކޯއަށް މަސް ގަންނަ މައި ރަށްކަމަށްވާ ކޫއްޑޫ ވަރަށް ބޮޑަށް ވީރާނާ ވެފައިވާކަމަށާއި މިފްކޯގެ ހިންގުން ހަރުދަނާވެގެން ނޫނީ މިފަދަ ކަންކަން ހައްލުނުވާނެކަމަށެވެ.

މިޝަރީޒް މިނިސްޓަރ ޒަހާ ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ވިލިނގިއްޔާއި ގެމަނަފުއްޓަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި މަސްވެރިންނާ ބައްދަލުކޮށް އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިޔަން ރުފިޔާއެއް ވަނީ ނުދެވިއެވެ. ނަމަވެސް ސަރުކާރުން ދެ ފަހަރެއްގެ މަތިން މިފްކޯއަށް ފައިސާ ދީގެން މި ބިލްތައް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.