ޚަބަރު

ނިޔާޒުގެ މަޤާމު ގެއްލުނު އިސްލާހު ބާތިލުކުރަން ހުށައެޅި މައްސަލަ ނުބެލޭނެ


ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމަށް މަޤާމު ގެއްލޭ ގޮތަށް އޮޑިޓް ޤާނޫނަށް ގެނައި އިސްލާހު ބާޠިލުކުރަން ހައިކޯޓަށް ހުށައެޅި މައްސަލަ ސުޕްރީމްކޯޓުން ބާޠިލުކޮށްފިއެވެ. އޮޑިޓް ޤާނުނަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ހުށައަޅާފައިވަނީ ނިޔާޒު އިބްރާހިމްއެވެ.

އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ނިޔާޒު ހުންނަވަނިކޮށް 2014 ވަނަ އަހަރު އޮޑިޓް ޤާނުނަށް ގެނައި އިސްލާހާއިއެކު ނިޔާޒުގެ މަގާމުވަނީ ގެއްލިފައެވެ.

އޮޑިޓް ޤާނޫނަށް ގެނައި އިސްލާހު ބާޠިލުކުރުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ ބާޠިލުކޮށް ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ނިޔާޒުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށައެޅުމުގެ ކުރިން އެ މައުޝޫގައި އެހެން ފަރާތަކުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް އޭރު ސުޕްރީމްކޯޓުން ނިންމާފައިވަނިކޮށް އެއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން އެ މައްސަލަ ބެލުމަކީ ޤާނޫނު އަސާސީއާއި ކަމާއި ބެހޭ ޤާނޫނުތަކުން ހުއްދަކުރާކަމެއް ނޫންކަމަށް ސުޕްރީމްކޯޓްގެ އަމުރުގައިވެއެވެ. އެހެންކަމުން ހައިކޯޓަށް ނިޔާޒު ހުށައެޅުއްވި މައްސަލަ އެކޯޓުން ބަލައިގަނެ ޝަރީއަތް ކުރިއަތް ގެންދިއުމުގައި އަމަލުކޮށްފައިވަނީ އެންމެހާ އިޖުރާތުތަކަކީ ބާޠިލު އިޖުރާއަތުތަކެއް ކަމަށް ކަނޑައަޅާ އެކަން ކަމާއި ބެހޭ ފަރާތްކަށް އަންގާކަމަށް ސުޕްރީމްކޯޓުގެ އަމުރުގައިވެއެވެ.

އޮޑިޓަރ ޖެނަރަލްގެ މަޤާމުގައި އިބްރާހިމް ނިޔާޒު ހުންނަވަނިކޮށް ޤާނުނަށް ގެނައި ބަދަލާއި އެކު އޭނާ އެ މަޤާމުން ވަކިކުރީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހިންގަވަމުން ގެންދިޔަކަމަށް ބުނާ ކޮރަޕްޝަންތަކުގެ މައުލޫމާތު ރައީސް ޔާމިނަށް ހުށައެޅުއްވުމުންކަމަށް ނިޔާޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.