ހުޅުމާލޭގައި ތިންހާސް ހައުސިންގ ޔުނިޓު އެޅުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން އެކި ފަރާތްތަކުގެ އަތުން ބޮޑު އަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓުތައް އަޅައިނުދީ މަކަރާ ޙީލަތް ހަދާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މިމައްސަލައިގެ ތަޙުޤީޤުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ދަޢުވާ ކުރުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު ތިބިކަމަށް މި މައްސަލައިގެ ތަޙްޤީޤުން މިހާތަނަށް ޤަބޫލުކުރެވޭކަމަށްވެސް ފުލުހުން ބުނެއެވެ.
އެޕާރޓްމަންޓްތައް ގަތުމަށް ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފާއި ދެމެދު ލިޔެކިޔުމުން އެއްވެސް މުޢާމަލާތެއް ކުރެވިފައިވާނަމަ، އެ ލިޔެކިއުންތަކާއެކު އެ މައްސަލަ ހުށަހެޅުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސްހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފްއާއި ގުޅޭ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.