ޚަބަރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް އަހުލުވެރިކުރުމުގެ ބައްދަލުވުމެއް އައްޑޫސިޓީގައި ބާއްވައިފި


ދައުލަތުގެ މުވައްޒަފުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް އައްޑޫ ސިޓީ ހުޅުމީދޫގައި ބާއްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރ އޮފީހުން ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެން ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ އޮފީހުގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ އަބްދުﷲ ރަޝީދު ވިދާޅުވީ މި ބައްދަލުވުމަކީ މައުލޫމާތުހޯދައި ލިބިގަތުމުގެ ޤާނޫނަށް މީހުން އަހުލުވެރިކުރުވުމަށް ރާއްޖޭގެ އެހި ހިސާބުތަކުގައި ބާއްވަމުން އަންނަ ބައްދަލުވުމެއްކަމަށެވެ.

އެެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ހުޅުމީދޫގެ އެކި މުއައްސަސާތަކުން 19 މުއައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާބެހޭ ގޮތުން މައުލޫމާތު ދިނުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމުގެ ދަށުން ފަރެސްމާތޮޑާ އަދި ހަނިމާދޫގައި މަސައްކަތު ބައްދަލުވުންތައް ބާއްވާފައިވާކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެކި ރަށްރަށުގައި މިފަދަ ބައްދަލުވުންތައް ބާއްވާނެކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.