ވިޔަފާރި

އެމްޓީސީސީން ޔަންމާ ސާރވިސް ކެމްޕެއިން ފަށައިފި


ޔަންމާ އިންޖީނުތައް މަރާމާތުކުރުމަށް އެމްޓީސީސީން ޔަންމާ ސާރވިސް ކެމްޕެއިނެއް ފަށައިފިއެވެ.

އެމްޓީސީސީ އާއި ޔަންމާ އޭޝިއާ ގުޅިގެން ފެށި މި ކެމްޕޭންގެ ދަށުން އެމްޓީސީސީއާއި ޔަންމާގެ އިންޖިނިއަރުންގެ ޓީމްތަކުން އޮޑި ދޯނިފަހަށް ގޮސް އިންޖީނުތައް ޗެކްކޮށް މަރާމާތު ކޮށްދޭނެއެވެ. އަދި އިންޖީނު ޗެކްކޮށް ސްޕެއަރ ޕާރޓްސް ފޯރުކޮށްދިނުމާއި އިންޖީނަށް ހޭލުންތެރި ކުރުވުމަށް މަޢުލޫމާތު ދިނުންވެސް މިކެމްޕެއިންގެ ތެރެއިން ކުރިއަށްދާނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭގައި މިކެމްޕެއިން ފަށާފައިވާއިރު ފުރަތަމަ ދުވަހުވެސް 40 އުޅަނދަށް ޚިދުމަތް ދީފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ޔަންމާ ސާރވިސް ކެމްޕެއިނާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް އަދުހަމް ވިދާޅުވީ، މި ކެމްޕެއިންގެ މަޤްސަދަކީ ޔަންމާގެ އޮރިޖިނަލް ސްޕެއާރ ޕާޓްސް ޕްރޮމޯޓްކޮށް ކަސްޓަމަރުން ހޭލުންތެރިކުރުވުމާއި، ކަސްޓަމަރުންނާ ދެމެދު އޮންނަ އިތުބާރު ވަރުގަދަ ކުރުން ކަމަށެވެ.

އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭންގެ ދަށުން އެކުންފުނީގެ ޓީމުތައް އަތޮޅުތަކަށް ގޮސް މި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަންނަ ބުރާސްފަތި ދުވަހު ދ. އަތޮޅުގައި މި ކެމްޕޭން ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖެއަށް އެތެރެކުރާ ކުންފުންޏެވެ.