ޚަބަރު

މީރާއަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ޙުކުމްކޮށްފި


ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ހަތްދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން މެގަ މޯލްޑިވްސްގެ މައްޗަށް ޙުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ މެގަ މޯލްޑިވްސް އެއަރލައިންގެ ފަރާތުން ވިތު ހޯލްޑިންގ ޓެކްސްއާއި، ޖޫރިމަނާއާއި އިންޓްރެސްޓްގެ ގޮތުގައި ހަތްދިހަ މިލިއަން ދެލައްކަ ސައްބީސް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ މީރާއަށް ދައްކަންޖެހޭކަން ސާބިތުވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވިތު ހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ތިރީސް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އެކާވީސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ސާދަ މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.

ހަތްދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއަށް ދެއްކުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ޙުކުމްކޮށްފައިވާއިރު، އެހެން ބައެއް ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެންވެސް މީގެ ކުރިން މެގަ މޯލްޑިވްސްގެ މައްޗަށް ވަނީ އެފައިސާތައް ދައްކަންވެސް ޙުކުމްކޮށްފައެވެ.

2010 ވަނަ އަހަރު ޚިދުމަތް ދޭން ފެށި މެގަ މޯލްޑިވްސް އެއަރލައިންއަށް ދިމާވި މާލީ މައްސަލަތަކަކާ ގުޅިގެން 2017 ވަނަ އަހަރު އެކުންފުނީގެ އުދުހުންތައް ވަނީ ހުއްޓާލާފައެވެ.