ޚަބަރު

ހިޖުރަވެރިންނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ހިޖުރަވެރިން ޖެހިލުމެއް ނުވޭ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހިޖުރަވެރިންނާ މެދު ކިތައްމެ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވި ކަމުގައިވިޔަސް، މެކްސިކޯ އާއި އެމެރިކާ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް ވަނުމުގެ އުއްމީދު ކުރެވޭކަމަށް، މެކްސިކޯގެ ޓިހުއާނާގައި ތާށިވެފައިތިބި ލެޓިން އެމެރިކާގެ ހިޖުރަވެރިން ބުނެފިއެވެ.

ހިޖުރަވެރިން މި މޭރުމުން ވާހަކަދައްކާފައިމިވަނީ، އެއިން ކޮންމެ މީހެއްގެ އިމިގްރޭޝަން ފޯމުތައް ވަކިވަކިން ޕްރޮސެސްކޮށް ނިމެންދެން އެ މީހުން ތިބެން ޖެހޭނީ މެކްސިކޯގައިކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މެކްސިކޯގެ އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ހިޖުރަވެރިންގެ މައްސަލައިގައި އިންތިޚާބީ ސަރުކާރުން ދަނީ އެމެރިކާއާ އެކު މަޝްވަރާކުރަމުންކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި އަދި ދެ ޤައުމަށް އެއްގަލަކަށް އެރިފައިނުވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ކަން މިހެން އޮތަސް ހިޖުރަވެރިންގެ ވިސްނުން ހުރީ، އެ ހުރަސްތައް ގިރާކޮށް، ކިތައްމެ އުނދަގޫ މަރުޙަލާއެއްގެ ތެރެއިން ކަމުގައިވިޔަސް، އެމެރިކާއަށް ހިޖުރަކުރުމަށެވެ.

ޓްރަމްޕް ވަނީ ޤަވާއިދާ ޚިލާފަށް އެމެރިކާގެ ސަރަޙައްދަށް ވަންނަ ހިޖުރަވެރިންނަށް އެ ޤައުމުން ހިމާޔަތް ހޯދުމަށް އެދޭނޭ ފުރުޞަތު ނުލިބޭނޭކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ޤައުމުގެ ކޯޓަކުން ވަނީ ރައީސް ޓްރަމްޕްގެ އެ ޢަމުރު، ވަގުތީ ގޮތުން ބާޠިލްކޮށްފައެވެ. ހިޖުރަވެރިންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުން، މެކްސިކޯ އާއި އެމެރިކާ ގުޅޭ ސަރަޙައްދީ ރޮނގަކީ ހިޖުރަވެރިންނަށް ރައްކާތެރި ސަރަޙައްދެއް ނޫނެވެ.