ޚަބަރު

އިރާޤުގައި ފެންބޮޑުވެ 7 މީހުން މަރުވެއްޖެ


އިރާޤުގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ޝިރްޤަތަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ހަތް މީހުން މަރުވެއްޖެއެވެ. ހުކުރު ދުވަހު ހިނގި މި ހާދިސާގެ އިތުރުން، އިރާޤުގެ ދެކުނުގެ ޕްރޮވިންސެއްކަމުގައިވާ ދީޣަރަށް ކުރި ވިއްސާރައިގައި އެ ސަރަޙައްދުގައި ފެންބޮޑުވެ ހިނގި ތަފާތު ހާދިސާތަކުގައި ދެ މީހަކު ވަނީ މަރުވެފައެވެ.

ފެންބޮޑުވެ ހިނގަމުންދާ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން، އިރާޤުގެ އައު ސަރުކާރަށް ދަނީ ފިއްތުންތައް އިތުރުވަމުންނެވެ. އެ ގޮތުން، 2014 ވަނަ އަހަރުން 2017 ވަނަ އަހަރަށް، އައި.އެސް އާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޢުމްރާނީ އެތައް ގެއްލުމެއް ލިބިފައިވާތީ މަގުތަކާއި ގެދޮރު މަރާމާތުކޮށް، ޤައުމު އާރާސްތުކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ގޮވާލާ، އައު ސަރުކާރަށް ދަނީ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

މިހާރު އިރާޤުގެ އުތުރުގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތިންހާހަށް ވުރެ ގިނަ މީހުންނަށް ވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ. ބައެއް ސަރަޙައްދުތަކުން މިހާރު ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާނޭ ވައިގެ އުޅަނދުތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.