ޚަބަރު

މެންބަރު ސައުދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި


ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދަޢުވާ ކުރިޔަށް ނުގެންދިޔުމަށް ކުރިމިނަލްކޯޓުން ނިންމައިފިއެވެ.

އެކޯޓުން މިގޮތަށް ނިންމާފައިވަނީ އެ މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ. މެންބަރު ސަޢުދު ހުސައިންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ދައުލަތުން އުފުލާފައިވަނީ ހައިކޯޓްގެ ފަނޑިޔާރު ޝުޖާޢު އުސްމާނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައެވެ. މި މައްސަލާގައި ސައުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް ހަނީފްގެ މައްޗަށްވެސް ދައުލަތުންވަނީ ޓެރަރިޒަމްގެ ދަޢުވާ އުފުލާފައެވެ.

މި މައްސަލަ ކުރިމިނަލްކޯޓުން ނުބަލަން ނިންމާފައިވަނީ އެ މައްސަލައަކީ މަދަނީ މިންގަޑުން ކުރިޔަށް ނުގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައެޅުމަށްފަހުއެވެ. ޓެރަރިޒަމްގެ ދަޢުވާއިން ސަލާމަތްވިކަން ހާމަކުރައްވަމުން ސަޢުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން އެނާގެ މައްޗަށް ކުރި ދަޢުވާއަކީ އުފައްދާފައިވާ އަސްލެތް ނެތް ޓެރަރިޒަމްގެ ސިޔާސީ ދައުވާއެއްކަމަށެވެ.
ސަޢުދަކީ ރައްޔިތުން މަޖިލިހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަސްސް ކޮމިޝަނުން ނިންމިތާ އަހަރެއްހާ ދުވަސްފަހުން އެ ގޮނޑި ގެއްލުފައިވާ ނުވާކަމަށް ސުޕްރީމްކޯޓުން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.