ޚަބަރު

ދުވަހުން ދުވަހަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއަށް ނުވަންނާނަން - ހޯމްމިނިސްޓަރ


ދުވަހުން ދުވަހަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއަށް ސީދާވަދެ ވަދެވަޑައިގަތުމަކީ ހޯމްމިނިސްޓަރ ކުރައްވައިގެން ވާނެކަމެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށާ، އެފަދަކަމެއް ނުކުރައްވާނެކަމަށް ހޯމްމިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ އިތުބާރުގެއްލި، އެމުއައްސަސާއަށް ބޮޑެތި ފާޑިކިއުންތަކެއް އަމާޒުވާންޖެހުނު ހަޤީޤީ ސަބަބަކީ ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށްވަދެ ހިންގުމުގެ ނިޒާމު ބޮއްސުންލުމުގެ ސަބަބުންކަމަށެވެ.

ފަހަކައަށް އައިސް ފުލުހުންގެ ފަރާތުން ފެނިގެންދިޔަ ރައްޔިތުންގެ ސުވާލު އުފެއްދި ބައެއްކަންކަމަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންނާމެދު ކުރެވުނު އެފަދަ ތުހުމަތުތަކަކީ ހަމަ ހުރެފައި ހިނގި ކަންކަން ނޫންކަމަށާ، ހންގުމުގެ ނިޒާމު ބައްޓަންވެފައި އޮތްގޮތުން ކުރަންނުޖެހޭ ބައެއް ނުރަނގަޅު ކަންކަން ނުކޮށްފިނަމަ ފުލުހުންގެ ތެރެއިން ދެން ވެގެންދާނެ ކަންކަމާއި، އޭގެ ނުރައްކާ މާބޮޑުވާޙާލަތްތައްވެސް މެދުވެރިވެފައި އޮތްކަމަށެވެ.

ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަބުރުވެރި ޤަދަރުވެރި މުއައްސަސާއަކަށް ވާންޖެހޭކަމަށާ، ހޯމް މިނިސްޓަރ ކުރައްވަންޖެހޭކަމަކީ، ރަނގަޅު ނިޒާމެއް ދެމަހައްޓަވައި ހިންގުން ހަރުދަނާކުރެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ކަންކަން ކުރިއަށްގެންދާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަސައްކަތް ޝައިޚް އިމްރާނަށް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެކެވަޑައިގަންނަވާކަމަށްވެސް އެނާ ވިދާޅުވިއެވެ.