ޚަބަރު

ޝައިޚް އިމްރާނުގެ ޖަލުޙުކުމް ސުޕްރީމް ކޯޓުން ބާޠިލްކޮށްފި


ޓެރަރިޒަމްގެ ކުށުގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

އާ ސަރުކާރުގެ ހޯމް މިނިސްޓަރަކަމަށް ޢައްޔަންކުރައްވާފައިވާ ޢަދާލަތު ޕާޓިގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލީ 2015 އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުލިބޭގޮތަށް ވާހަކަ ދެއްކެވިކަމަށް ތުހުމަތުކުރެވުނު މައްސަލާގައެވެ.
މިދަޢުވާ ސާބިތުވާ ކަމަށް ނިންމައި 12 އަހަރަށް ޢިމްރާން ޖަލަށްލުމަށް ދަށުކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކުރިއެވެ. މިމައްސަަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެންމެފުރަތަމަ އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.
އެހެން ނަމަވެސް އިމްރާންގެ ފަރާތުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދުމުން ސްޕްރީމް ކޯޓުންވަނީ އެ މައްސަލަ ބަލައިގަތުމަށް ފަހުން ނިންމަވާފައެވެ.

އިމްރާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒްކުރުން ފަސްކުރުމަށާއި، އެޙުކުމާ ގުޅިގެން އެއްވެސް ކަމެއް ނުކުރުމަށް މިމަހުގެ ފުރަތަމަދުވަހު ސުޕްރީމްކޯޓުން ވަނީ ޢަމުރެއް ނެރުއްވާފައެވެ. ސުޕްރީމް ކޯޓުން މިގޮތަށް ނިންމަވާފައިވަނީ، އިމްރާން ޢަބްދުﷲ ތިން އަހަރުދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ހުކުމް ތަންފީޒްކުރައްވާފައި ވަނިކޮށެވެ.

ރައީސް ޞާލިޙް ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެކުލަވާލި ކެބިނެޓްގައި ހޯމް މިނިސްޓަރަކަށް ޝައިޚް އިމްރާން ޢަބްދުﷲ ޢައްޔަންކުރުމާއެކު، އޭރު އޭނާގެ ޖަލުޙުކުމް ކޯޓުން ބާޠިލްކޮށްފައި ނުވާތީ ބައެއްފަރާތްތަކުންވަނީ ޤާނޫނީގޮތުން ސުވާލުއުފައްދާފައެވެ.
ޤާނޫނު އަސާސީގެ 130ވަނަ މާއްދާގައި ވަޒީރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކެއް ބަޔާންކޮށްފައިވާއިރު ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެ ޝަރުޠުތަކެއްވެސް ވަނީ ބަޔާންކޮށްފައެވެ. ޤާނޫނު އަސާސީގެ 130ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކު ކަމުގައިވާންޖެހޭނެކަމަށެވެ.

އެހެންނަމަވެސް ޢިމްރާންގެ ޖަލުޙުކުމް ސުޕްރީމްކޯޓުން ބާޠިލްކުރުމާއެކު އޭނާގެ ވަޒީރުކަމާމެދު ޤާނޫނީގޮތުން އުފެއްދި ސުވާލުތަކަށް ވަނީ ނިމުންއައިސްފައެވެ.