ޚަބަރު

"ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު ޢީދު ކާމިޔާބުކަމާއެކު ނިންމާލައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާހިޙުގެ އިސްނެންގެވުމަށް ކުރިއަށްގެންދިޔަ "ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު ޢީދު ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

18 ވަނަ ދުވަހު ފެށި ކުޅިވަރު ފެސްޓިވަލްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔައީ ޚާއްސަ ފުޓްބޯޅަ މެޗުތަކެކެވެ. މިގޮތުން ރާއްޖޭގެ 19 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ ޓީމާއި، އަންހެން ފުޓްބޯޅަ ޓީމްތަކުގެ އިތުރުން ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި، ސިޔާސީ އެކި އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ފުޓްބޯޅަ މެޗުތަކެއް ކުރިއަށްދިޔައެވެ.

ސީޔާސީ ބޭފުޅުން ކުޅުއްވި މެޗުގައި ބައްދަލުކުރީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޓީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ ޓީމެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުރިޔަށްދިޔަ މެޗުތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މަޢުރޫފް އަހުމަދު ބުނީ، ސަރުކާރުން ކުޅިވަރު ކުރިއެރުއްވުމަށް ޙާއްސަ ސަމާލުކަމެއް ދޭ މަންޒަރު ފެނިގެން ހިނގައްޖެކަމަށެވެ. އަދި މި ކުޅިވަރު އީދުގެ ސަބަބުން ކުރިޔަށް އޮތްތާނގައި ކުޅިވަރު ކުރިޔަށްގެންދަން އިތުރު ބާރެއް ލިބިގެން ހިނގައްޖެކަމަށްވެސް އޭނާ ބުންޏެވެ.

ތަޖުރިބާކާރު ކޯޗު އަލީ ސުޒައިން ބުނީ އަންނަ އަންނަ އަހަރު ދިވެހި ފުޓްބޯޅަ އިންޓަނޭޝަނަލް ވިތާ ސާޅީސް އަހަރު ފުރޭއިރު މިފަދަ ބޮޑު ފުޓްބޯޅަ ހަރަކާތެއް ކުރިޔަށްގެންދިޔުން މިއީ ވަރަށް ބޮޑު ނަސީބެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދިޔަ މި ކުޅިވަރު ފެސްޓިވަލަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލަށްވާއިރު، މިހަރަކާތަށް ބޮޑު ތަރުޚީބެއް ލިބުނެވެ. މިގޮތުން ސަތާރަ ކުޅިވަރު އެސޯސިއޭޝަނަކާއި ފަނަރަ ޖަމިއްޔާއަކުން މިހަރަކާތުގައި ބައިވެރިވިއެވެ.