ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.
ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމާ މެދު ގޮތެއް ނިންމެވުމަށްޓަކައި ކުރެވުނު މަޝްވަރާގައި، ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ފުރުސަތުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕް ފުރުސަތުތަކާއި، ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި، ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ދިވެހިރާއްޖެއިން ފައިތިލަ ސާބިތު ކުރުމުގައި ކޮމަންވެލްތު ގެ މެންބަރެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ވަޒީރުން ފާހަގަ ކުރެއްވިއެވެ. މިގޮތުން ޑިމޮކްރެސީ ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމުގައި ކޮމަންވެލްތުގެ ދައުރު ވަޒީރުން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކޮމަންވެލްތްގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކާ ބެހޭ ގޮތުންވެސް ވަޒީރުން މިއަދު މަޝްވަރާ ކުރެއްވިއެވެ.
މި ކަންކަމާ ގުޅިގެން، ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ވަޒީރުންގެ މަޖިލިހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) ގެ ދަށުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ދިވެހިރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ކޮމަންވެލްތްގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށްޓަކައި ޤާނޫނީ ގޮތުން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް، އެކަންކަމާ ގުޅޭ އިދާރާތަކުން މިހާރު ކުރިއަށް އެބަ ގެންދަވައެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.