ޚަބަރު

ޒުވާނުންނާއި ކުޅިވަރާއި މުޖުތަމާޢު ބާރުވެރިކުރުވުމުގެ ދާއިރާއަށް ހަމަހަމަ ފުރުސަތުތަކެއް


އައު ރިޔާސީ ދައުރުގައި ޒުވާނުންނާއި ކުޅިވަރާއި މުޖުތަމާޢު ބާރުވެރިކުރުވުން މި ތިން ދާއިރާއަށްވެސް އެއްހަމައެއްގައި ސަމާލުކަންދީގެން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ދުޅަހެޔޮ ހަށިހެޔޮ ޢީދު" މި ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

"ދުޅަހެޔޮ ހަށިހެޔޮ ޢީދު" ފެސްޓިވަލުގެ ނިމުން ފާހަގަކުރައްވައި ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނީޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވީ މަޤާމާ ޙަވާލުވެވަޑައިގެން އެންމެފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރައްވާނީ، މި ތިން ދާއިރާއަށް ޢަމަލީގޮތުން ނުކުމެ، ދާއިރާ ތަޖުރިބާކޮށް ބޭނުންވާ މުހިންމު ކަންކަން ދެނެގަތުމަށްކަމަށެވެ. އެގޮތުން ކުޅިވަރާއި ޒުވާނުންނާއި މުޖުތަމަޢު ބާރުވެރި ކުރުމުގެ މަސައްކަތްތައް ކުރުމަށް ކަމާއި ގުޅޭ ތަޖުރިބާ ކާރުންނާ ބައްދަލުކޮށް ޙާލަތު އޮޅުންފިލުވުމާއި ގެންނަން ބޭނުންވާ ބަދަލުތައް ބަލައި ކުރިއަށް ކަންކަން ރޭވުމުގައި އެފަރާތްތަކުގެ ޚިޔާލު ހޯއްދަވާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން މި ފެސްޓިވަލަކީ ފެށުމެއްކަމަށާއި، މި ފެސްޓިވަލް ކުރިއަށްގެންދިޔަގޮތަށް، ތުއްތުކުދިންނާއި، ޒުވާނުންނާއި، އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ބައިވެރިވެވޭގޮތަށް ކުޅިވަރުގެ ޙަރަކާތްތަކާއި، މުޖުތަމާއުއާއި ގުޅުންހުރި ކަންކަން ރޭވުމުގައި ބޮޑު އިސްކަމެއް ދެއްވާނެކަމަށް މަޙްލޫފު ވިދާޅުވިއެވެ.

އަދި ކުޅިވަރަކީ ވަކި ދާއިރާއެއްގެ ގޮތުގައި ތަރައްޤީކޮށް ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ އެކުލަވާލުމަށް ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާގުޅިގެން، މަޝްވަރާކޮށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޒުވާނުންގެ ދާއިރާއާއި އިޖްތިމާޢީ މަސައްކަތްތައްވެސް ކުރާނީ އެންޖީއޯތައް ބާރުވެރިކުރުވައި، އެންމެން އެކުގައި. ދާއިރާއާއި ގުޅޭގޮތުން ތައްޔިތުންގެ އަޑުއަހާނަން. އަދި ގޯސްކޮށް ކަމެއްދާނަމަ އެކަންވެސް އަޅުގަނޑާ ޙިއްސާ ކުރެއްވުމުން ރަނގަޅުކުރާނަން."

މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ ޓްރާންޒިޝަން ޕީރިއަޑްގައި މި ދާއިރާގެ ކަންކަން ކުރިއަށްގޮސްފައިވާގޮތް ދެނެގަތުމަށް އެކަށީގެން ވަގުތު ލިބިފައި ނުވާކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ދާއިގެ މަސައްކަތް ފެށުނީކަމަށާ މަޤާމާ ޙަވާލުވެވަޑައިގަތީ ޓައީ އަޅައިގެން ގޮޑީގައި އިންނެވުމަށް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތާނގައި މިފަދަ ޕްރޮގްރާމްތައް އަތޮޅުތެރޭގައިވެސް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.