ތަޢުލީމު

ވިލާކޮލެޖްގެ ދަރިވަރުން އެކްސްޕޯޝަރ ދަތުރެއްގައި ދުބާއީއަށް


ވިލާކޮލެޖްގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމު ކަމަށްވާ ޔޫ.އޭއީގެ ދުބާއީ އަދި އަބޫދާބީ ސިޓީއަށް ދިޔުމަށްޓަކައި މިއަދު ފުރައިފިއެވެ.

މި ދަތުރުގައި ވިލާ ކޮލެޖުގައި ހިންގާ ތަފާތު 14 ޕްރޮގުރާމެއްގައި ކިޔަވާ 45 ކުދިންނާއި 3 މެނޭޖްމެންޓް ސްޓާފުންނާއި އެކު ޖުމްލަ 48 ފަރާތެއް ބައިވެރިވެފައި ވާކަމަށް ވިލާކޮލެޖް އިން މައުލޫމާތުދެއެވެ. މިދަތުރުގައި ވިލާ ކޮލެޖްގެ ކިއު. އައި ކެމްޕަސްގެ ދަރިވަރުންގެ އިތުރުން އަތޮޅުތެރޭގެ ކެމްޕަސް ތަކުގެ ދަރިވަރުންވެސް ބައިވެރިވިއެވެ. މި ދަތުރުގެ ބައިވެރިންގެ ތެރޭގައި މާސްޓަރސް، ޑިގްރީ އަދި ސެޓްފިކެޓް ލެވެލް ކޯސްތަކުގެ ދަރިވަރުން ބައިވެރި ވެފައިވާކަމަށް ވިލާކޮލެޖް އިން ބުނެއެވެ.

މި ދަތުރުގައި ދުބާއީ އަދި އަބޫދާބީގެ ޔުނިވަރސިޓީތަކާއި ފެކްޓަރީ ތަކަށް ދިއުމުގެ އިތުރުން މަޝްހޫރު ސައިޓް ތަކަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޔުނިވަރސިޓީތަކަށް ކުރާ ޒިޔާރަތުގައި ވިލާކޮލެޖުގެ ދަރިވަރުންނާ އެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ގުޅިގެން ތަފާތު ޙަރަކާތްތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިލާކޮލެޖުން މަޢުލޫމާތުދެއެވެ.

ވިލާކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަނުން އިންތިޒާމްކުރި މި ދަތުރަކީ ދަރިވަރުންނަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފައިދާހުރި ދަތުރެއްކަމަށް ވިލާކޮލެޖުން ބުނެއެވެ.