ޚަބަރު

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި 5000 ހެލްމެޓް ބަހަނީ


ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5000 ހެލްމެޓް ބަހަން ނިންމަވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި މިކަން ހިމަނުއްވައިފައިވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ނިންމަވައިފައިވާ ކަންކަމުގެ ތެރެއިންނެވެ. މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުމުގެގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ފެއްޓެވުމަށްވެސް ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ސަރުކާރުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިލޭ ހެލްމެޓް ބެހުމަށް ނިންމަވާފައިވާއިރު، މިހާރުވެސް ބްރިޖް އަދި މާލެ ހުޅުމާލޭގެ މަގުތައް މަތީގައި ދުއްވާ ބައެއް ފަރާތްތަކުން އަންނަނީ ހެލްމެޓު ބޭނުން ކުރަމުންނެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާއިރު، ބްރިޖުގައި ކެމެރާ ހަރުކުރުމާއި ޓްރެފިކް ކަންކަން ވަރުގަދަކުރުމަށް ޕޮލިހުންގެ ދައުރު ފުޅާކުރުމަށްވެސް ނިންމަވާފައިވެއެވެ.