ޚަބަރު

އިންޑިގޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


އިންޑިއާގެ އެއަރލައިނެއްކަމަށްވާ "އިންޑިގޯ" އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. އިންޑިގޯ

އެއަރލައިންގެ ފުރަތަަމަ ބޯޓު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންއިންނެވެ. އިންޑިގޯއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ 120 މީހުންގެ ޖާގައިގެ އޭ.320 މަރުކާގެ މަތިންދާބޯޓުގައެވެ.
އިންޑިގޯގެ ފުރަތަމަ ފްލައިޓަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއެވެ.

ދިވެހިރާއްޖެއަކީ އިންޑިގޯއިން ބައިނަލްއަޤްވާމީ ދަތުރުތައް ފެށި 13ވަނަ ޤައުމެވެ. އިންޑިގޯގެ ދަތުރުތައް ރާއްޖެއަށް ޝެޑިއުލް ކޮށްފައިވާ ގޮތާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ އިންޑިގޯއިން އިންޑިއާގެ ތިން ޑެސްޓިނޭޝަނަކުން ރާއްޖެއަށް ދަތުރުކުރާނެކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ކޮޗިން މުމްބާއީ، އަދި ބެންގަލޫރެވެ. އިންޑިގޯއިން ކޮޗިންއާއި މާލެއާއި ދެމެދު ހަފްތާގެ ކޮންމެދުވަހަކު ދަތުރުތައް ކުރުމަށް ހަަމަޖެހިފައިވާއިރު، މުމްބާއީ އާއި މާލެއާއި ދެމެދު ފަސްދަތުރު އަދި، ބެންގަލޫރާއި މާލެއާއި ދެމެދު ހަފްތާއަކު ދެ ދަތުރުކުރާނެއެވެ.

"މިއީ އިންޑިއާގެ އެހެން ޑެސްޓިނޭޝަންތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މަރކެޓް ވަރަށް ބޮޑަށް ފުޅާވާނެކަމެއް. އަދި މިއީ ލޯކޮސްޓް ކެރިއަށް އެއަރލައިނަކަށްވާއިރު، ދަތުރުކުރާ ފަރާތްތަކަށް ޓިކެޓްގެ އަގުތަށްވެސް ހެޔޮވާނެ. މިއީ ގެސްޓްހައުސްފަދަ ލޯކަލް ޓުއަރިޒަމަށްވެސް ހުޅުވޭ ރަނގަޅު ދޮރެއް."

ހަސަން އަރީފް ވިދާޅުވިއެވެ.

މިދިޔަމަހުގެ 14ވަނަ ދުވަހު އިންޑިއާގެ ގޯ އެއަރއިންވެސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ދަތުރުތައް ފަށާފައެވެ. ގޯ އެއަރއިން ރާއްޖެއަށް ދަތުރުފަށާފައިވަނީ މުންބައިއާއި ދިއްލީއިންނެވެ.