ޚަބަރު

އަބުރުގެ ޤާނޫނު އުވައިލުމަށް މަޖިލީހުން ފާސްކޮށްފި


އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން ހުށަހަޅާފައިވަ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމެވި ގޮތަށް އެޤާނޫނު އުވާލުމަށް ފެންނަކަމަށް 39 މެންބަރުން ވޯޓުދެއްވިއެވެ. އަބުރުގެ ޤާނޫނު އުވާލަން ނުފެންނަކަމަށް ވޯޓު ދީފައިވަނީ 13 މެންބަރުންނެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން އިދިކޮޅު ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ. އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ބައެއް ހައްޤުތަކާއި، މިނިވަންކަން، އެ ޤާނޫނުން ނިގުޅައިގަނެފައިވާތީކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.