ޚަބަރު

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިތުބާރު ރާޖަޕަކްސައަކަށް ނެތް


އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރި އެ ޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް އިތުބާރު ނެތްކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

225 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ، ރާޖަޕަކްސައާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުކޮށް، މިއަދުގެ ޖަލްސާގައި ވޯޓުލާފައެވެ. ޖަލްސާ ކުރިއަށްގެންގޮސްފައިވަނީ މަޖިލިސްކުރާ މާލަން ހަލަބޮލިވެފައިވަނިކޮށެވެ. އެގޮތުން ވޯޓަށް އެހުމާއެކު، މަޖިލީހުގެ މެމްބަރު އަދި ރާޖަޕަކްސަގެ ދަރިކަލުމް ނަމަލް ރާޖަޕަކްސަ ވަނީ މަޖިލިސްކުރާ ގެއިން ނިކުމެވަޑައިގެންފައެވެ. މަޖިލީހުގައި ތިއްބެވި ރާޖަޕަކްސައަށް ތާއީދުކުރައްވާ މެމްބަރުން ވަނީ، ވޯޓަށް ހުރަސްއަޅަންވެސް މަސައްކަތްކޮށްފައެވެ.

މަޖިލީހުން ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ނިންމި ނަމަވެސް، މަޤާމުން ދުރުކުރި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް މަޤާމު ކަށަވަރުވީއެއް ނޫނެވެ. ސްރީލަންކާގެ ޤާނޫނު ބުނާގޮތުން ބޮޑު ވަޒީރަކު ޢައްޔަންކުރުމަކީ ރައީސަށް ލިބިވަޑައިގަންނަވާ އިޚުތިޔާރެކެވެ. އެހެންނަމަވެސް ވިކްރަމަސިންހަ އަދިވެސް ގެންދަވަނީ، މަޤާމު ގެއްލިވަޑައިގެންފައިވާކަން ޤަބޫލުފުޅުކުރައްވަން ދެކޮޅުހައްދަވަމުންނެވެ. އަދި މިހާރުވެސް އެމަނިކުފާނު ގެންދަވަނީ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނިކުމެވަޑައިނުގަންނަވާނެކަމަށް ވިދާޅުވަމުންނެވެ.

މިއާއެކު ލަންކާގެ ސިޔާސީ މަސްރަޙު ގޯހުން ގޯހަށް ހިނގައިދާނެކަމުގެ ބިރު މި ވަނީ އުފެދިގެންގޮސްފައެވެ. ވިލާތުގެ އިއްތިހާދާއި އެމެރިކާއިން ވެސް ވަނީ، މި މައްސަލައިގައި ސިޔާސީ ފަރާތްތަކުން ފަރުވާތެރިކަމާއެކު ކުރިއަށްދިޔުމަށް ލަފާއަރުވައި، ކަންބޮޑުވުން ފާޅުކޮށްފައެވެ.