ޚަބަރު

އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 19 މިނިސްޓްރީ


އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެކުލަވާލައްވާ ސަރުކާރުގައި މުޅިން އަލަށް އުފައްދާ 4 މިނިސްޓްރީއަކާއެކު 19 މިނިސްޓްރީއެއް ހިމެނޭނެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ބަންޑާރ ނާއިބުގެ އޮފީސް ނުހިމަނައި، 19 މިނިސްޓްރީއެއް ހިމެނޭކަމަށެވެ. އެގޮތުން އަލަށް 4 މިނިސްޓްރީއެއް އުފައްދާއިރު، ބައެއް މިނިސްޓްރީތަކުގެ ނަމަށް ބަދަލު އަންނާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

އަލަށް އުފެއްދުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އަރޓް ކަލްޗަރ އެންޑް ހެރިޓޭޖް އަދި މިނިސްޓްރީއޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއެވެ. މާރިޔާ ވިދާޅުވީ އަލަށް ހަތަރު މިނިސްޓްރީ އުފެއްދުމަށް ނިންމީ އަޅާނުލެވި ދޫކޮށްލެވިފައިވާ ގިނަ ދާއިރާތަކެއް ހުރިކަން ފާހަގަކުރެވޭތީ، އެފަދަ ދާއިރާތައް ވީހާވެސް ބޮޑަށް ތަރައްޤީކުރުމަށް މަސައްކަަތް ކުރުމަށްކަމަށެވެ.

މާރިޔާ ވިދާޅުވީ 3 މިނިސްޓްރީގެ ނަމަށް ބަދަލު ގެނެސްފައިވާއިރު، 5 މިނިސްޓްރީއެއްގެ މަސްޢޫލިއްޔަތުތައް އިތުރުކޮށް އެ މިނިސްޓްރީތަކުގެ ނަންވެސް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

މާރިޔާ ވިދާޅުވީ މިނިސްޓްރީތަކަށް ވަޒީރުން އައްޔަންކުރާނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހުކަމަށެވެ. އަދި އެއްވެސް މިނިސްޓްރީއަކަށް ބޭކާރުގޮތުގައި ސިޔާސީ މަޤާމުތައް އިތުރު ނުކުރާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

"މިހާރު މިސަރުކާރުގައި އެބަތިބި ހަތް ސަތޭއަށްވުރެ ގިނަ ސިޔާސީ މަޤާމުތައް. ނަމަވެސް ދެން އަންނަ ސަރުކާރެއްގައި ސިޔާސީ މަޤާމުތައް 100 އަށްވުރެ އިތުރެއް ނުކުރާނަން. މި ބަދަލުގެ ސަބަބުން މުޢައްޒަފުންގެ މުސާރައަށް ސަރުކާރުން ކުރާ ހޭދައިން 16 އިންސައްތަ ސަލާމަތްވާނެ." މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ ސަރުކާރުގައި 19 މިނިސްޓްރީއެއް އުފެއްދުމަށް ނިންމާފައިވާއިރު މިހާރު ހިނގަމުންދާ ސަރުކާރުގައި ހިމެނެނީ 14 މިނިސްޓްރީއެކެވެ.